

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ބާއްވާ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތް، 12 ވަނަ ވެސްޓްރޭޑް އެމް.އެން.ޔޫ.އެސް.ޔޫ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އިބާ އަދި ޝަކޫރް ހޮވިއްޖެއެވެ.
ސްކޫލް އޮފް ނާރސިންގެ ޖާޒީ ނަންބަރު 15، އިބާ ޢަބްދުއްﷲ އަދި ޖާޒީ ނަންބަރު 19، ޢަބްދުއްﷲ ޝަކޫރް ޢަބްދުލްސައްތާރުވަނީ މި އަހަރުގެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއްދައްކާފައިވެއެވެ. މި ދެ ކުޅުންތެރިންވަނީ ފަޚުރުވެރި ޗެމްޕިއަން ތަށި ޓީމަށް ހޯދައިދިނުމުގައި އިސްރޯލެއް އަދާކޮށްފައެވެ. އަންހެން ޑިވިޝަނުގެ ތަށި ސްކޫލް އޮފް ނާރސިންގ އިން އުފުލާލީ ޖެހިޖެހިގެން 7 އަހަރު ފައިނަލުގައި ކުޅެ، ޖެހިޖެހިގެން 5 ވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދާ މުބާރާތުގެ ތަށި މިލްކުކުރުމުގެ ފަޙުރާއެކުއެވެ. އަދި އެސް.އެންގެ ފިރިހެން ޓީމުން ފުރަތަމަ ފަހަަރަށް މުބާރާތުގެ ތަށި އުފުލާލުމާއެކު، މި އަހަރު ވެގެންދިޔައީ އެސް.އެންއަށް އެންމެ ކާމިޔާބު އަހަރަށެވެ.
ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ފާހަގަވެގެންދިޔަ މި މުބާރާތުގެ ދެ ޑިވިޝަނުގެ މޮޅު ހަ ކުޅުންތެރިންވެސް ވަނީ ހޮވާފައެވެ. އެގޮތުން މުބާރާތުގެ އަންހެން ޑީވިޝަންގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ އެފް.އީގެ އައިމިނަތު އިބާ އިބްރާހިމް، އެމް.އެން.ޔޫ.ބީ.އެސްގެ އާއިޝަތު ނަޝްމާ އަޙްމަދާއި މިޝްކާ ޢަބްދުލް ހަލީމް އަދި އެސް.އެން ގެ މަނާލް އިސްމާއިލް ރަޝީދާއި، ރަހީމާ ޢަބްދުއްﷲއެވެ.
ފިރިހެން ޑިވިޝަނުގެ މޮޅު 6 ކުޅުންތެރިންނަށް ހޮވިފައިވަނީ މުބާރާތުގެ ފިރިހެން ޑީވިޝަން އިން އެންމެ މޮޅު 6 ކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ ސީ.އެފް.އެސްގެ އަޙްމަދު އައިހަމް އާމިރު، އެފް.އެޗް.އެސްގެ ވިޝާހް އަޙްމަދާއި ޙަސަން އަލްވިން ޝާހިދު، އަދި އެސް.އެންގެ ނެވިން ޖޭ އަާއި ޢަލީ ގާނިމްއެވެ.
އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކޯޗަކަށް ސްކޫލް އޮފް ނާރސިންގެ ކޯޗު ޝުއައިބު އަހުމަދު ހޮވިފައިވާއިރު، އަހުމަދު ސޮފްވާން ވަނީ ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއެއްގެ ގޮތުގައި ފިރިހެން ޑިވިޝަން އިން ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީސް (ސީ.އެފް.އެސް)ގެ ޖަރސީ ނަންބަރު 2 އަހުނަފް އަޙްމަދު ޙުސެއިން ހޮވިފައިވާއިރު، އަންހެން ޑީވިޝަން އިން ސީ.އެފް.އެސް ގެ ލީމް އަޙްމަދު ލަތީފަ ވަނީ ހޮވިފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ލިބެރޯ އަކަށް ހޮވިފައިވަނީ ފިރިހެން ޑިވިޝަން އިން އެފް.އެޗް.އެސް ގެ ޖަރސީ ނަންބަރު 17، އައިކް ޢަބްދުއްﷲ ރިފާއު އަދި އަންހެން ޑިވިޝަން އިން އެމް.އެން.ޔޫ.ބީ.އެސްގެ ލިބެރޯ، ޖަރސީ ނަންބަރު 9 އުލްފާ ހަސަނެވެ.
މި މުބާރާތުގެ ބެސްޓް ސަޕޯޓާސް ޓީމަކަށް އެފް.އެޗް.އެސް ހޮވިފައިވާއިރު، ބެސްޓް ސަޕޯރޓާ އަކަށް ހޮވިފައިވަނީ ފެކަލްޓި އޮފް އެޑިއުކޭޝަނުން، އުސްރަތު ޙަސަންއެވެ. ހަމައެހެންމެ، މުބާރާތުގެ ދެ ޑިވިޝަނުންވެސް ބެސްޓް ކޯޗަކަށް ހޮވިފައިވަނީ ޗެމްޕިއަން އެސް.އެން ގެ ކޮޗު ޝުއައިބު އަޙްމަދެވެ.
ފޯރިގަދަ މެޗުތަކެއް ފެނިގެންދިޔަ މި މުބާރާތަކީ ޒުވާން ގިނަ ކުޅުންތެރިންނަށް ހުނަރު ދައްކާލުމަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެކެވެ. ފާއިތުވި އަހަރުތަކުގައި މިމުބާރާތުން ވިދާލި ގިނަ ކުޅުންތެރިންތަކެއް މިހާރުވެސް ދިވެހިރާއްޖޭގެ ގައުމީ ވޮލީ ޓިމުން ޖާގަ ހޯދައި ދަނީ ފޮނި ކާމިޔާބީތަކެއް ހޯދަމުންނެވެ. އަދި ހަމަ މިއާއެކު މި މުބާރާތުގެ ތެރެއިން ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންނަށް ގައުމީ ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތުތައް ލިބޭ ކަންވެސް ފާހަގަކޮށްލެވެއެވެ.
ވޭތުވެދިޔަ މާރިޗު މަހުގެ 26 އިން މި މަހު 2ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި ޖުމުލަ 18 ޓީމު ވަނީ ބައިވެރިވެފައެވެ. މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ވެސްޓްރޭޑެވެ. މީގެ އިތުރުން ޑިޖިޓަލް ސްޕޮންސަރުގެ ގޮތުގައި ދިރާގު ހިމެނެ އެވެ.




