ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026 ފަށައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތް ފަށާފައިވަނީ 1 މެއި ވީ ހުކުރު ދުވަހުގެރޭގައެވެ. ހުޅުމާލޭ ރެހެންދި ފުޓްސަލް ޓާފުގައި ކުރިއަށްދާ މިފަހަރުގެ މުބާރާތުގައި ޖުމްލަ 31 ޓީމު ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ޑިވިޝަންގެ 20 ޓީމާއި, އަންހެން ޑިވިޝަންގެ 11 ޓީމެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް, މުޙައްމަދު ތޮލާލްއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އާޢިޝަތު ޝެހެނާޒް އާދަމް، މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ދިރާގުގެ ހެޑް އޮފް ފައިނޭންޝަލް ޕްލޭނިންގ އެންޑް އެނެލެސިސް ފަރީދާ އިސްމާޢިލް، ދިރާގުގެ އެކުއިޒިޝަން އެންޑް ގްރޯތު މެނޭޖަރ އާމިނަތު ޝޫޒާ، ދިރާގުގެ ގްރޯތު މާކެޓިންގ މެނޭޖަރ ފާތިމަތު މާޔާ، ގޯލްޑެން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ، ގޯލްޑެން ފުޓްސަލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޝަހީމް އަދި މުބާރާތުގެ އެކިއެކި ސްޕޮންސަރުންނާއި, ޔުނިވަރސިޓީގެ އެކިއެކި ފެކަލްޓީތަކުގެ ޑީނުންނާއި އިސްވެރީން ވެސް ވަނީ މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފުވެރި މެހެމާނު ވަނީ, ދަރިވަރުންގެ ޔޫނިއަނުން އިސްނަގައިގެން މިފަދަ މުބާރާތެއް އިންތިޒާމުކުރާ ކަމަށްޓަކައި ޔޫނިއަން އަދި ޔުނިވަރސިޓީއަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި ކުޅިވަރުން ލިބޭ ފިލާވަޅުތަކުގެ ބޭނުންހިފާ, ކާމިޔާބީ ހޯދުމަށް ހުރިހާ ޓީމުތަކުންވެސް މަސައްކަތް ކުރުމަށް އެދިވަޑައިގަތެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް މުޙައްމަދު އަޔާޝް އަލީ ވަނީ ސްޕޮންސަރުންނާއި ޔުނިވަރސިޓީގެ މެނޭޖްމެންޓްގެ ފަރާތުން ލިބޭ އެހީތެރިކަމާއި, އެއްބާރުލުން ފާހަގަކޮށް, އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. ހަމައެހެންމެ, ކުޅިވަރުގެ ރޫޙާއި އެއްގޮތަށް ހުރިހާ ޓީމުތަކުންވެސް އަޚްލާޤީ މިންގަނޑު ބެހެއްޓުމަށް ރައީސް ނަސޭހަތްތެރިވިއެވެ.
ރަސްމިއްޔާތަށް ފަހު މުބާރާތުގެ ވިކްޓްރީ ޝީލްޑް މެޗު ކުޅެފައި ވާއިރު, މި މެޗުގައި ވާދަކުރީ 2025 ވަނަ އަހަރުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން, ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އާއި 2024 ވަނަ އަހަރުގެ ފިރިހެން ޑިވިޝަންގެ ތަށި ކާމިޔާބު ކުރި މިއާންޒް ކޮލެޖެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ކޮންމެ ޓީމަކުންވެސް ލަނޑެއްޖަހާ އެއްވަރުވެފައިވުމުން, ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރިހޯދައިގެން, އެންމެ ފަހުގެ ޗެމްޕިއަން އެފް.އީއިން ވަނީ ޝީލްޑް މެޗު ކާމިޔާބު ކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އެފްއީގެ ޖާޒީ ނަންބަރު 20, ޔައިޝް މުސްތަފާއެވެ.
މީގެ އިތުރުން, މުބާރާތުގެ އަންހެން ޑިވިޝަންގެ ދެމެޗު ހުކުރު ދުވަހުގެރޭ ކުޅެފައިވެއެވެ. އެގޮތުން, ފެކަލްޓީ އޮފް ޝަރީއާ އިން ލޯ އާއި ސައިރިކްސް ކޮލެޖް ބައްދަލުކުރި މެޗު 1-0 ން ކާމިޔާބުކުރީ ސައިރިކްސް ކޮލެޖުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސައިރިކްސް ކޮލެޖުގެ ޖާޒީ ނަންބަރު 13, ލައުހާ ހުސައިންނެވެ. ހަމައެހެންމެ, މުބާރާތުގެ އަންހެން ޑިވިޝަންގެ ތަށި އެންމެ ފަހުން ކާމިޔާބުކުރި މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމް.ބީ.އެސް) އިން ވަނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ މައްޗަށް 0-1 ން ކުރި ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމް.ބީ.އެސްގެ ޖާޒީ ނަންބަރު 9, ފާތިމަތު ސައިނާއެވެ.
މިއަހަރުގެ މުބާރާތް ކުރިއަށް ދާނީ މި މަހުގެ އެއްވަނަ ދުވަހުން 15 ގެ ނިޔަލަށެވެ. މިއީ ހަޔަރ އެޑިއުކޭޝަން ސެކްޓަރގެ ދަރިވަރުންނަށް ޚާއްސަކޮށްގެން އެމް.އެން.ޔޫ.އެސް.ޔޫ އިން ބާއްވާ މި މުބާރާތުގެ 13 ވަނަ އެޑީޝަނެވެ. މިއަހަރަކީ މަތީ ތަޢުލީމު ހާސިލްކުރާ ސްކޫލަކުން މި މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. ބޭންކިންގ ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. އަދި ލޮޖިސްޓިކްސް ޕާޓްނަރުގެ ގޮތުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ހަރަކާތްތެރިވާއިރު, ޕްރިންޓިންގ އެންޑް ކިޓް ޕާޓްނަރަކީ ށަވިޔަންޏެވެ. މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ވޮއިސް ސްޕޯޓްސް ހަމަޖައްސާފައިވާއިރު, ބެވެރޭޖް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް (ތާޒާ) އެވެ. ސްޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި މާކުއީ ހަމަޖައްސާފައިވާ އިރު, ކޭޓަރިންގ ޕާޓްނަރަކީ ލެސޫކްއެވެ. ސާވިސެސް ޕާޓްނަރަކީ ޓާސްކިން އެޕްއެވެ. މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކީ ޖީ ލައިވްއެވެ.
މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ދެން ހިމެނެނީ ތޫލް, މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް, ސްޕޯޓްސް އެންޑް ފިޓްނަސް, މާލެ ސިޓީ ކައުންސިލް އަދި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ އިތުރުން އީޒެޕް އާއި ކުއިކް އީޒީއެވެ.





