

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ތިންވަނަ އިނގިރޭސި ބަހުސް މުބާރާތް ފަށައިފި އެވެ.
03 ސެޕްޓެމްބަރު ވީ ބުރާސްފަތި ދުވަހުގެ ރޭ އެމް.އެން.ޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައި މި މުބާރާތް ފެށުމަށްޓަކައި ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމްއެވެ. އަދި މިހަފްލާގައި އެމް.އެން.ޔޫ ބިޒްނަސް ސުކޫލްގެ ޑީން ޢާއިޝަތު ޝާހީން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެއިތުރުން ޔޫނިއަންގެ ހިންގާ ކޮމެޓީގެ މެމްބަރުންނާއި އެޑްވައިޒަރީ ބޯޑުގެ މެމްބަރުން އަދި ބައިވެރިވި ޓީމުތަކުން ވެސް ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި ފަނޑިޔާރުންގެ ފަރާތުން ވާހަކަ ދެއްކެވި ފަނޑިޔާރު، މުޙައްމަދު ނާބިތު އަޙްމަދު، ބަހުސް ތެރިންނަށް މުހިންމު އުކުޅުތައް ބޭނުން ކުރާނެ ގޮތުގެ އިރުޝާދެއްވިއެވެ. މީގެ އިތުރުން ވާހަކަ ދެއްކުމުގެ ހުނަރުގެ މުހިންމު ކަމަށް ވެސް އަލިއަޅުވާލެއްވިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން މި އަހަރުގެ ފަނޑިޔާރުން ވަނީ ތަޢާރަފު ކޮއްދެއްވާފައެވެ. އިސް ފަނޑިޔާރުގެ ގޮތުގައި ހަރާކާތް ތެރިވާނީ ޢާއިޝަތު ޔޫލިއާ ހަލީމްއެވެ. މި ޕޫލުގައި ދެން މަސައްކަތް ކުރާނީ މުޙައްމަދު ނާބިތު އަޙްމަދު، ދިމްޝާ ރިޒާ އަދި ޢާއިޝަތު ދިފްލާ އިބްރާހިމްއެވެ.
ފެށުމުގެ ރަސްމިއްޔާތަށްފަހު މުބާރާތުގެ ފުރަތަމަ ބަހުސް ކުރިއަށްދިޔައިރު، މި ބަހުސްގައި ބައްދަލުކޮށްފައިވަނީ ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) އާއި ފެކަލްޓީ އޮފް އެންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް)އެވެ.
މި މެޗު ފެކަލްޓީ އޮފް އާރޓްސް އިން ކާމިޔާބުކޮށްފައިވާއިރު، މެޗުގެ އެންމެ މޮޅު ބަހުސް ކުރުންތެރިޔާގެ އިނާމު ހޯދާފައިވަނީ ފެކަލްޓީ އޮފް އާރޓްސްގެ ސަމްހާ ޢަބްދުލް ލަތީފް އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިން އަންނަނީ ސިލްސިލާކޮށް ދިވެހި އަދި އިނގިރޭސި ބަހުސް މުބާރާތެއް ވެސް ބާއްވަމުންނެވެ. އެގޮތުން މިފަހަރު ކުރިއަށްމިގެންދެވޭ މި މުބާރާތަކީ ވެސް އިނގިރޭސިބަހަށް ފަރިތަ، މިފަންނަށް ޝައުޤުވެރިވާ ދަރިވަރުންނަށް، ޢިލްމީ ފެންވަރެއްގައި އުފެއްދުންތެރި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ދޫފަރިތަ، ކުޅަދާނަ ވާހަކަދެއްކުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވޭ މުބާރާތެކެވެ.




