އެންޖިނިއަރިންގް ސައިންސް އެންޑް ޓެކްނޮލޮޖީ އެސޯސިއޭޝަން (އެސްޓާ)އިން ހުޅުމާލޭގައި އަރތް އަވަރ ފާހަގަކޮށްފިއެވެ.
އަރތް އަވަރ 2022ގެ މުނާސަބަތުގައި، ފެކަލްޓީ އޮފް އެންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓު)ގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓް އެންޑް ނެޗުރަލް ސައިންސަސް (ޑެންސް)އާއި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޗިލްޑްރަން އޮފް މޯލްޑިވްސާއި ގުޅިގެން 26 މާރިޗު 2022ވީ ހޮނިހިރު ދުވަހުގެ ރޭ 2030 އިން 2130 އަށް ބޭއްވި މި ހަރަކާތުގައި، ފެސްޓުގެ ދަރިވަރުން ވަނީ ކުޑަކުދިންނާއި ގުޅުންހުރި ކަންކަން ހިންގާފައެވެ.


މިގޮތުން، ”ރީ ތިންކް ޕްލާސްޓިކްސް“ ނުވަތަ ”ޕްލާސްޓިކާއިމެދު އަލުން ވިސްނާލަމާ“ މި ޝިޢާރާ ގުޅުންހުރި ވާހަކަ ކިޔުމާއި، ކުރެހުމާއި، މެސެޖު ބޯޑެއްގައި ޝުޢޫރު ފާޅުކުރުމުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ވަނީ ބައިވެރިވެފައެވެ. މިއާއެކު، އަރތް އަވަރ ގެ ރަމްޒީ ”60+“ ގެ ބައްޓަމަށް އުއްބައްތި އަތުރައި، ހަރަކާތް ނިމެންދެން ދިއްލާފައި ހުއްޓެވެ. މި ހަރަކާތް ހިންގާފައިވަނީ ޗިލްޑްރަން އޮފް މޯލްޑިވްސްއިން ހިންގާ ”ފޮތްގާޑިޔާ“ ހުންނަ ސަރަހައްދުގައި، ހުޅުމާލެ ގޮނޑުދޮށުގައެވެ.


ހަރަކާތުގައި ފެސްޓުގެ ދަރިވަރުންނާއި، އެސްޓާގެ ހިންގާ ކޮމެޓީއާއި އިސްވާރުންގެ އިތުރުން، ސްކޫލް އޮފް ނަރސިންގއާއި ސްކޫލް އޮފް މެޑިސިންގެ ބައެއް އިސްވާރުންވެސް ބައިވެރިވިއެވެ. އަދި ޑެންސްގެ މުވައްޒަފުންނާއި، ސޭވް ދަ ބީޗް މޯލްޑިވްސްގެ ފަރާތުންވެސް ބައިވެރިވިއެވެ. މި ހަރަކާތް އެސްޓާގެ އިންސްޓަގްރާމް ޕޭޖުގައި ލައިވް ކުރެވިފައި ވެއެވެ. މި ހަރަކާތް ހިންގާފައިވަނީ އާންމުންނަށް ވެސް ހުޅުވާލައިގެންނެވެ.






