އެންޖިނިއަރިންގް ސައިންސް އެންޑް ޓެކްނޮލޮޖީ އެސޯސިއޭޝަން (އެސްޓާ)ގެ އިސްވާރުންނާއި ގުޅިގެން، ފެކަލްޓީ އޮފް އެންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓު)ގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓް އެންޑް ނެޗުރަލް ސައިންސަސް (ޑެންސް)އިން މާހެފުމެއް ބާއްވައިފިއެވެ. މި މާހެފުމަކީ އިނގިރޭސިވިލާތުގެ ސެންޓަރ ފޮރ އެންވަޔަރަންމަންޓް، ފިޝަރީޒް، އެންޑް އެކުއަކަލްޗަރ ސައިންސް (ސީފަސް)ގެ ފަރާތުން ރާއްޖެވަޑައިގެންނެވި ބޭފުޅުންގެ ޝަރަފުގައި ބޭއްވި ސަޤާފީ މާހެފުމެކެވެ.
ސީފަސްއިން ވަނީ ތިމާވެށީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން މިދާއިރާގައި ހުރި ތަޢުލީމީ، ދިރާސީ، ޢިލްމީ، އަދި ވަޒީފާގެ ފުރުސަތުތަކާއި އެބޭފުޅުންގެ ތަޖުރިބާގެ ވާހަކަ ދައްކަވާފައެވެ. މި ވާހަކަތަކަށްފަހު އެސްޓާގެ އިސްވާރުންވަނީ އެބޭފުޅުންނަށް ދިވެހި ރާއްޖޭގެ ސަޤާފަތް ދައްކައިދިނުމުގެ ގޮތުން ރައިވަރު ކިޔުމާއި، ފަތިޖެހުމާއި، ބަނޑިޔާޖެހުމާއި، ދަނޑިޖެހުމުގެ ހުށަހެޅުންތަކެއް ހުށަހަޅައިދީފައެވެ. އަދި މާހެފުމުގައި މާފުށާއި، ރުކުރާ، ކުޅި އަދި ފޮނި ފާރޮށްޓާއި، ކުޅުދުއްފުށީ ހާލުފޮޅި ފަދަ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސަޤާފީ ކެއުން ހުއްޓެވެ.