އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (އެސްޓާ)ގެ ފަރާތުން މިއަހަރު ”އާތުއަވާ“ ހަރަކާތް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސްޕޭސްރިސާޗް އޯގަނައިޒޭޝަން(މެސްރޯ)،ކުރޮސްރޯޑު އަދި ކަޅުއޮޑި ރެސްޓޯރެންޓާ ގުޅިގެންނެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާރިޗު 22 ވާ ހޮނިހިރުދުވަހުގެރޭ 9 ޖަހާއިރު ކުރޮސްރޯޑުގައެވެ.
މި ހަފްލާގައި މެސްރޯގެ ފަރާތުން ތަރިބެލުމާއި ޖައްވާބެހޭ މުހިންމު އެތައް މައުލޫމާތެއް ފޯރުކޮށް ދިނުމުގެ އިތުރުން އުށްބައްތި ދިއްލުންފަދަ އެތައް ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
”އާތުއަވާ“ ފާހަގަކުރުމަކީ އެސްޓާއިން ކޮންމެ އަހަރަކުވެސް އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ”އާތުއަވާ“ އަކީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް މާރިޗު މަހުގެ ފަހު ހޮނިހިރު ދުވަހު އެއްގަޑިއިރު (ރޭގަނޑު 08:30 ން 09:30 އަށް) ކޮންމެހެން ބޭނުންނުވާ ލައިޓުތައް ނިއްވާލުމަށް ވޯލްޑު ވައިލްޑްލައިފް ފަންޑު (ޑަބްލިޔު.ޑަބްލިޔު.އެފް) އިން ކޮންމެ އަހަރަކު އިންތިޒާމުކުރާ ބައިނަލްއަޤުވާމީ ހަރަކާތެކެވެ.





