ސްކޫލް އޮފް މެޑިސިންގެ ގޮފި މެޑިކޯސްއިން ސިލްސިލާކޮށް ކުރިޔަށް ގެންދާ ލޭހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން، މިއަހަރުގެ ދެވަނަ ކުއާޓާގައި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ގޮފި ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑަންޓް އެސޯސިއޭޝަން (ފެސާ) އާ ގުޅިގެން ކުރިޔަށް ގެންދެވުނު ހަރަކާތް ވަރަށް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
”ރޯލް އަޕް ޔުއަރ ސްލީވްސް، ސޭވް އަ ލައިފް“ މިޝިޢާރުގެ ދަށުން ކުރިޔަށް ގެންދެވޭ މިހަރަކާތުގައި މިފަހަރުގެ ބްލަޑް ޑްރައިވަށް ވަނީ އެކިއެކި ފެކަލްޓީތަކުން އަދި އާންމުންގެ ތެރެއިން 40އަށް ވުރެން ގިނަ ޑޯނަރުން ރަޖިސްޓަރވެފައެވެ. މިހަރަކާތް އެހެން ފަހަރުތަކެކޭވެސް އެއްފަދައިން ކުރިޔަށް ގެންދެވިފައިވަނީ މޯލްޑިވިއަން ބްލަޑް ސާވިސަސްގައެވެ.
މިފަހަރުގެ ހަރަކާތުގައި 7200މިލިލީޓަރު، ނުވަތަ 16 ޕޮއިންޓުގެ ލޭ ވަނީ ހަދިޔާކުރެވިފައެވެ. އަދި މިހަރަކާތުގެ ތެރެއިން ސޯޝަލް މީޑިއާ މެދުވެރިކޮށް ލޭހަދިޔާކުރުމާމެދު މީހުން އަހުލުވެރިކުރުވުމުގެ މަސައްކަތްވެސް ވަނީ ކުރެވިފައެވެ.
”ރޯލް އަޕް ޔުއަރ ސްލީވްސް، ސޭވް އަ ލައިފް“ގެ ނަމުގައި މިހަރަކާތް ސިލްސިލާ ގޮތެއްގައި މެޑިކޯސްއިން ކުރިޔަށް ގެންދަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށް ފަހު ކޮންމެ އަހަރަކުވެސް 3 ކޭމްޕެއް ބޭއްވުމުގެ މަސައްކަތް މެޑިކޯސްއިން އަންނަނީ ކުރަމުންނެވެ. މެޑިކޯސްގެ އަމާޒަކީ ކުރިޔަށް އޮތްތަނުގައި މިހާރަށް ވުރެން މިހަރަކާތް ފުޅާކޮށް، ގިނަ އަދަދެއްގެ އައު ޑޯނަރުން އުފެއްދުމެވެ. މެޑިކޯސްގެ ފަރާތުން ދެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބްލަޑް ޑްރައިވް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.





