ކޮންސޯޓިއަމް އޮފް މެޑިކަލް ސްޓޫޑަންޓްޒް-މެޑިކޯސް އަދި ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށި ކެމްޕަހިގެ ގޮފި، ގުރުޒުގެ ފަރާތުން ކުޅުދުއްފުށި ސިޓީގެ ޖަމިއްޔާތަކާއި ކްލަބްތަކާ ބައްދަލުކޮށްފިއެވެ. މިބައްދަލުވުން ކުރިޔަށް ގެންދެވިފައިވަނީ އޮކްޓޯބަރ 9 ވަނަ ދުވަހުގެރޭ އެމް.އެން.ޔޫ ކުޅުދުއްފުށި ކެމްޕަހުގައެވެ.
މިބައްދަލުވުމަކީ މެޑިކޯސް އަދި ގުރުޒުގެ ފަރާތުން އިންތިޒާމުކުރާ ”އެމް.އެން.ޔޫ.އެސް.ޔޫ 10ކޭ ސްޓޭޕްސްއާއި ބެހޭގޮތުން މަޝްވަރާކުރުމަށްޓަކާ ބޭއްވުނު ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި ކްލަބް ޖަމިއްޔާތަކާއި ގުޅިގެން މިހަރަކާތް އިތުރަށް ފުރިހަމަކުރުމަށްޓަކާ ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން ކްލަބް ޖަމިއްޔާތަކުގެ ހިންގާ ކޮމިޓީތަކާއި މެމްބަރުން ގުޅިގެން މިހަރަކާތަށް އިތުރު ބައިވެރިން ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.
މިބައްދަލުވުމުގައި ބައެއް ކްލަބް ޖަމިއްޔާތަކުންވަނީ ތަކެތީގެ ގޮތުންނާއި، ޓެކްނިކަލް އެހީތެރިކަން މިހަރަކާތަށް ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. މީގެ އިތުރުން މިހަރަކާތުގައި ސްޕޯޓިން ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް، ޑަބްލިޔު ސްޕޯޓްސް އެކަޑަމީގެ އިތުރުން، ޒިގްޒެގް ފޯރ ޔޫތް ލިންކޭޖްއިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
”އެމް.އެން.ޔޫ.އެސް.ޔޫ 10ކޭ ސްޓޭޕްސް“ މިހަރަކާތަކީ މެޑިކޯސް އަދި ގުރުޒު ގުޅިގެން މުޅިން އަލަށް ކުރިޔަށް ގެންދާ ހަރަކާތެކެވެ. މިހަރަކާތުގައި 5 ކިލޯމީޓަރު އަދި 10 ކިލޯމީޓަރުގެ ދުވުމެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާއިރު، ދުވުން ފުރިހަމަކުރާ ހުރިހާ ބައިވެރިންނަށް މެޑަލް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކެޓަގަރީތަކުން ވަނަތައް ހޮވުމަށްވެސް ހަމަޖެހިފައިވެއެވެ. މިހަރަކާތުގެ މައިގަނޑު މަޤްސަދަކީ ދުވުމާއި ކަސްރަތުގެ ތެރެއިން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ބާރުއެޅުމެވެ. މެޑިކޯސް އަދި ގުރުޒުގެ އަމާޒަކީ މިހަރަކާތަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދެވޭ ހަރަކާތަކަށް ހެދުމެވެ.





