2025
2025 ގެ ފުރަތަމަ ޙަރަކާތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށި ކެމްޕަހުގެ ދަރިވަރުންނާއި ބެހޭ ގޮފި ”ގުރުޒު“ އިން ކެންޓީނެއް ރާވާ ހިންގައިފިއެވެ.
މެއި 22 އަދި 23 ގައި މި ކެމްޕަހުގައި ކުރިއަށްދިޔަ ”ޖޮބް ފެސްޓިވަލް“ ގެ ތެރޭގައި ގުރުޒުގެ ފަރާތުން ހިންގި މި ކެންޓީނުގައި ތަފާތު އެކި ވައްތަރުގެ ކާބޯތަކެތި ލިބެން ހުރިއިރު، ގިނައީ ދަރިވަރުންގެ އަމިއްލަ އުފެއްދުންތަކެވެ.
ހަވީރު އަދި ރޭގަނޑު ކެންޓީނު ހިންގާފައިވާއިރު، ހަވީރުގެ ވަގުތުގައި ގުރުޒުއިން ވަނީ ”ފަން ސްޓޯލް“ ތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކެރަމް، ދަޅުވެއްޓުން އަދި ކުލަޖެއްސުމުގެ އިތުރުންވެސް ހިތްހަމަޖެހޭނެ ޙަރަކާތްތަކެއް ގުރުޒުއިން އިންތިޒާމްކޮށްފައިވެއެވެ.
ފަނަރައަށްވުރެ ގިނަ ދަރިވަރުންގެ އެހީތެރިކަމާއެކު ހިންގުނު މި ކެންޓީނަށް ދަރިވަރުންނާއި، މުވައްޒަފުންގެ އިތުރުން އާންމުންގެ ނުހަނު ތަރުހީބު ލިބިގެންދިޔައެވެ.






