މެއި 22 އަދި 23 ގައި ކުޅުދުއްފުށީ ކެމްޕަހުގައި ކުރިއަށް ދިޔަ ”ޖޮބް ފެސްޓިވަލް“ ގެ ތެރެއިން ދަރިވަރުންގެ އަމިއްލަ ސްޓޯލް އެއް ފެނިގެން ހިނގައްޖެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށި ކެމްޕަހުގެ ދަރިވަރުންގެ ހުނަރު ދައްކާލުމަށް ގުރުޒުގެ ފަރާތުން ފަހި ކޮށްދިން މި ފުރުޞަތުގައި 2 ދަރިވަރެއް ވަނީ އެކުދިންގެ އުފެއްދުންތައް ދައްކާލުމާއެކު ވިއްކުމަށް މަސައްކަތްކޮށްފައެވެ.
އަތްތެރި މަސައްކަތްކުރުމަށް އަބަދުވެސް ޝައުޤުވެރިކަން ހުންނަ މަލްސާ މުހައްމަދު ވަނީ އޭނާ އަމިއްލައަށް ސެޓިން ރިބަން ބޭނުންކޮށްގެން ހަދާފައިވާ މައު އަދި މާ ބޮނޑި މި ފުރުޞަތުގައި ގިނަބަޔަކަށް ތަޢާރަފު ކޮށްދީފައެވެ. މީގެއިތުރުން، މި ކެމްޕަހުގެ ދަރިވަރެއް ކަމަށްވާ އަހުމަދު މުހައްމަދު ވަނީ އެ ދަރިވަރުގެ ކުރެހުމާއި ކުލަޖެއްސުމުގެ ހުނަރުތައް ދައްކާލާފައެވެ. އެގޮތުން އޭނާ ތައްޔާރުކޮށްފައިވާ ”ކެންވަސް“ތައް ފެންނަ ގޮތަށް މި މައުރަޒުގައި ބަހައްޓާފައި ހުރިއިރު އޭނާ ދިޔައީ ”ލައިވް ޕެއިންޓިން“ ނުވަތަ ވަގުތުން ވަގުތަށްވެސް ފެންކުލަ ޖައްސަމުންނެވެ.
ގުރުޒުއަށް މަޢުލޫމާތު ދެމުން މި ދަރިވަރުން ބުނެފައިވަނީ މި ފުރުޞަތުގެ ސަބަބުން ޢާންމުންގެ މެދުގައި މިކުދިންގެ ހުނަރުތައް މަޤުބޫލުވިކަމަށާއި، އަދި އެ ދަރިވަރުންނަށް ވިޔަފާރީގެ ފުރުޞަތުތައްވެސް ފަހިވެގެން ދިޔަކަމަށެވެ. އަދި ހަމައެހެންމެ މި ފުރުޞަތު ފަހިކޮށްދެއްވީތީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގެ ދަރިވަރުންގެ ގޮފި ”ގުރުޒު“އަށާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަހަށް ޝުކުރު އަދާކުރާކަންވެސް މި ދަރިވަރުން ފާހަގަކޮށްފައިވެއެވެ.





