ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ ދަރިވަރުންގެ ޔޫނިއަންގެ ދެ ގޮފި ކަމުގައިވާ ފެކަލްޓީ އޮފް އެޑިއުކޭޝަން (ފެސާ) އާއީ ގުރުޒު ގުޅިގެން ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދެވުނު ޢީދު ހަދިޔާ ބަދަލުކުރުމުގެ ހަރަކާތް ވަރަށް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ގުރުޒުގެ ފަރާތުން މި ހަރަކާތް ކުރިއަށް ގެންދިޔައީ ފިޠުރު ޢީދު ދުވަހުގެ ހަވީރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ. ހޮސްޕިޓަލްގައި މި ހަރަކާތް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަގުސަދަކީ އުމުރުން ދުވަސްވީ މީހުންނާއި ،ބަލި މީހުން، އަދި ކުޑަ ކުދިން ޢީދުގެ އުފަލުގައި ބައިވެރިކޮށް އެފަރާތްތަކަށް އުފާވެރިކަން ގެނެސްދިނުމެވެ. އެހެންކަމުން ހަދިޔާގައި ސިއްޙަތަށް ފައިދާކުރަނިވި މޭވާގެ ބާވަތްތައް ހިމެނުމަށް ޚާއްސަ ސަމާލުކަމެއް ވަނީ ދީފައެވެ.
ފިޠުރު ޢީދުގެ މި އުފާވެރި މުނާސަބަތުގައި ކުޅުދުއްފުށީގައި ބަދަލުކުރެވުނު ހަދިޔާ ތައްޔާރުކުރުމާއި ބެހުމުގެ އަމަލީ މަސައްކަތްތައް ކޮށްފައިވަނީ ގުރުޒުގެ ހީވާގި އިސްވާރުންނާއި ހިންގާ ކޮމިޓީއިންނެވެ.






