ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފި މެޑިކޯސްއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ކުޅުދުއްފުށީ ކެމްޕަހުގެ ގޮފި ކަމުގައިވާ، ގުރުޒުން ގުޅިގެން ޚާއްސަ ފެއަރއެއް ބާއްވައިފިއެވެ.
މި ފެއަރ ބާއްވާފައިވަނީ 18 އޭޕްރީލް ވީ ހޮނިހިރު ދުވަހު ކުޅުދުއްފުށީ ސިޓީގެ ރަށްމަތިފަންނު ސަރަހައްދުގައެވެ. މި ފެއަރގައި ސިއްހީ އަދި އިޖުތިމާޢީ ޚިދުމަތްތެރިން ހިމެނޭހެން ގިނަ އަދަދެއްގެ މުއައްސަސާތަކަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، މޯލްޑިވްސް ރެޑް ކްރެސެންޓް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ޔަންގް ލީޑަރސް، ވައިޓަލް ކެއަރ ކްލިނިކް، ސްކޫލް އޮފް ނާރސިންގ، އަދި ގުރުޒު ހިމެނެއެވެ.
މި ފެއަރގެ ތެރޭގައި ސިއްހަތާ ގުޅުންހުރި ގިނަ ޚިދުމަތްތަކެއް ލިއްބައިދިނުމުގެ އިތުރުން އެހެނިހެން ތަފާތު ހަރަކާތްތަކެއްވެސް ފެނިގެންދިޔައެވެ. އެގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން ހެލްތް ސްކްރީނިންގ އާއި ޑެންގީ ހުމާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި މޯލްޑިވްސް ރެޑް ކްރެސެންޓުން ވަނީ ފަސްޓް އެއިޑް އާއި ބެހޭގޮތުން “ މެޗް ދަ ކަރެކްޓް ސިނާރިއޯ“ ކިޔާ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. ހަމަ އެއާއެކު އެކި ޙާލަތްތަކުގައި ފުރަތަމަ ފަރުވާ ދޭނެ ގޮތްތައްވެސް އެފަރާތުން ވަނީ ހުށަހަޅައިދީފައެވެ. މީގެއިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ ނުވަތަ ކަނޑުމަތީގެ ހާދިސާއެއް ދިމާވެއްޖެނަމަ ކަންތައް ކުރަންވީ ގޮތުގެ މަޢުލޫމާތު ދީފައިވެއެވެ. އަދި ހަމައެހެންމެ ޔަންގް ލީޑަރސް އިން ވަނީ ’ފުޑް ޕިރަމިޑް‘ އާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށްޓަކައި ކުޅިވަރެއްގެ ސިފައިގައި ޙަރަކާތެއް ކުރިއަށް ގެންގޮއްސައެވެ. އަދި ވައިޓަލް ކެއަރ ކްލިނިކް އިން ވަނީ ހިލޭ ދަތުގެ ޗެކަޕް ހެދޭނެ ފުރުސަތު އިންތިޒާމު ކޮށްފައެވެ. މިއީވެސް ގިނަ ބައެއްގެ ތާޢީދު ލިބިގެންދިޔަ ކަމެއްކަން ވަނީ ފާހަވެފައެވެ. މީގެ އިތުރުން ސްކޫލް އޮފް ނާރސިންގ ފަރާތުން ސިއްހަތާއި ގުޅުންހުރި ރާވާ ކުޅިވަރާއި، ވޯރޑް ސާރޗް ކަހަލަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި ފެއަރގައި ގުރުޒުން ވަނީ ”ފިންގާ ޕްރިންޓް އާތް“ އެއް ހަދާފައެވެ.
ބައިވެރިންގެ މުނިފޫހި ފިލުވުމާއި އަދި ހުރިހާ އުމުރުފުރައަކަށްވެސް އުފާވެރި މަޖާ ވަގުތުކޮޅެއްގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މި ފެއަރގައި ބައިވެރިވި ހުރިހާ މުއައްސަސާތަކަކާއި ގުރުޒުންވަނީ ސިއްހަތާ ގުޅުންހުރި ތަފާތު އެކި ކަހަލަ މަޖާ ކުޅިވަރުތައް އިންތިޒާމް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައެވެ.
ގިނަ އަދަދެއްގެ ރައްޔިތުންތަކެއްގެ އެއްބާރުލުން ލިބުނު މި ހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލުމަށްޓަކައި ބައިވެރިވި ހުރިހާ މުއައްސަސާތަކުންނާއި، ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖްމެންޓުގެ އިތުރުން، ގުރުޒުގެ ހީވާގި އިސްވާރުންގެ ފަރާތުން ވަރަށް ފުރިހަމަ ނަމޫނާއެއް ފެނިގެންދިޔަކަން ގުރުޒުން ވަރަށް އުފަލާއެކު ފާހަގަކުރަމެވެ.






