ހީލާރސް އިން ރޭ ބޭއްވި ވެލްކަމް ނައިޓް ވަރަށް ކާމިޔާބުކަމާއެކު އެފް.އެޗް.އެސް ހޯލުގައި ބާއްވައިފިއެވެ. ގިނަ ދަރިވަރުންތަކެއްގެ ތަރުހީބާ އެކު މި އިވެންޓް ބާއްވައިފައި ވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އަދި ސްކޫލް އޮފް ނާރސިންގ ގެ އާ ދަރިވަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުންނެވެ. އަދި ރޭގެ ތީމް އަކީ ”ހަވާއީއަން“ އެވެ.
ރޭގެ އިވެންޓްގެ ޝަރަފްވެރި މެހެމާނަކަށް ހީލާސްގެ ދައުވަތަކަށް ވަޑައިގެންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ޑީން އޮފް ސްޓޫޑަންޓްސް، އަލްފާޟިލާ ނާދިޔާ އަހުމަދު އެވެ. އަދި މީގެ އިތުރުން ސްކޫލް އޮފް ނާރސިންގ ގެ ޑީން އާސިޔަތު އިބްރާހީމް އަދި އެފް.އެޗް.އެސްގެ ޑީން އައިޝަތު ޝާހީން އިސްމާއީލް ގެ އިތުރުން އެފް.އެޗް.އެސް އަދި ސްކޫލް އޮފް ނާރސިންގް ގެ ލެކްޗަރާރ އިން ވެސް ބައިވެރިވިއެވެ. އަދި އެހެންމެ އެމް.އެން.ޔޫ.އެސް.ޔޫގެ ރަޢީސް، އަރުޝަދު އަޝްރަފް އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީގެ އެހެން ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރޭ އެފް.އެޗް.އެސް ގެ ގިނަ ދަރިވަރުންގެ ހުށަހެޅުންތަކެއްގެ އިތުރަށް ސްކޫލް އޮފް ނާރސިންގ އަދި ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ފުރިހަމަ ހަރަކާތްތަކެއް ވެސް ފެނިގެން ދިޔައެވެ. ޓެކްނިކަލް ކުދި މައްސަލަތަކެއް ދިމާވިނަމަވެސް މުޅި ރޭ ބެލުންތެރިން ފޫހި ކަމެއް ނެތި ހުރިހާ ހުށަހެޅުންތައް ބަލައިގަތީ ނުހަނު ފޯރި އާއި އެކު އެވެ.
ރޭގެ ހަރަކާތްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ވަރަށް މުހިންމު ނަމްބަރެއް ވެއެވެ. އެއީ ”އެމް.އެން.ޔޫ.އެސް.ޔޫ މެކްސްކޮމް ވޮލީ ބޯޅަ މުބާރާތް 2018″ގައި އެފް.އެޗް.އެސްގެ ޓީމުގެ ކޯޗު، މައުމޫރު މުހަންމަދުގެ ޙިދުމަތްތައް އަގުވަޒަން ކުރުމުގެ ގޮތުން އެބޭފުޅާ އަށް ހަނދާނީ ލިޔުމެއް އެރުވުމެވެ. މި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ހީލާރސްގެ ރައީސް އަޙްމަދު އަޠީފް އާދަމެވެ.
ޝައްކެއްނެތް ގޮތުގައި ހީލާރސް ވެލްކަމް ނައިޓަކީ އެންމެންގެ މަގުބޫލުކަން ލިބިގެން ވަރަށް ފުރިހަމަ ކަމާ އެކު ނިމިގެން ދިޔަ އިވެންޓެކެވެ. މި އިވެންޓްގެ ހުރިހާ އައިޓަމްތަކެއް އެމް.އެން.ޔޫ.އެސް.ޔޫގެ މީޑިއާ ޕާޓްނަރ ”ސަން މީޑިއާ ގްރޫޕް“ގެ ފަރާތުން ވަނީ ރިކޯޑްކޮށްދެއްވާފައެވެ.