ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ގޮފި ސޮސައިޓީ ފޯރ ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (ޝެޓްސް) އާއި ފެކަލްޓީ އޮފް ހެލްތު ސައިންސެސްގެ ގޮފި ހީލަރސް އިން ގުޅިގެން ކުރިޔަށް ގެންދިޔަ ވެލްކަމް ނައިޓް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
އެފް.އެޗް.އެސް ގެ ހޯލުގައި ހުކުރު ދުވަހުގެރޭ ބޭއްވި މިބައްދަލުވުމުގައި 100 އެއްހާ އައު ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި ޝެޓްސް އާއި ހީލާރސްގެ ހިންގާ ކޮމެޓީގެ މެމްބަރުންގެ އިތުރުން ހީލާރސް އާއި ޝެޓްސްގެ ގިނަ އަދަދެއްގެ ލީޑަރުންނާއި ކުރީގެ ހިންގާ ކޮމެޓީގެ މެމްބަރުންވެސް ވަނީ ބައިވެރިވިއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމެޓީ މެމްބަރުންނާއި އިސް ލީޑަރުން ވަނީ ބައިވެރިވެފައެވެ.
ޝެޓްސް އާއި ހީލާރސް އިން އިސްނަގައިގެން ދެ ފެކަލްޓީ އަށް އަލަށް ގުޅުނު ދަރިވަރުންނަށް ބޭއްވި މި ހަރަކާތަކީ ދަރިވަރުން އެއްބައިވަންތަ ކުރުވުމަށާއި، ޔުނިވާރސިޓީގެ މާހައުލުގައި އައު އެކުވެރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.
މީގެ ކުރިން ވެލްކަމް ނައިޓް ބާއްވަނީ ކޮންމެ ފެކަލްޓީއަކުން ވެސް ވަކިންނެވެ. ނަމަވެސް މިއަހަރު ތަފާތު ކޮށްލުމުގެ ގޮތުން ދެ ފެކަލްޓީގެ ގޮފި ގުޅިގެން މި ހަރަކާތް ކުރިއަށް ގެންދިއުން ވެގެން ގޮސްފައިމިވަނީ މިހަރަކާތް ކާމިޔާބު ހަރަކާތަކަށް ވުމުގެ އެއް ސަބަބުކަމުގައެވެ. .
މި ހަރަކާތް ފެށުމުގެ ގޮތުން ޝެޓްސްގެ ނައިބް ރައީސް ( އިތުރު ހަރަކާތް) ސުޢައިދު ޔޫނުސް އަދި ހީލާރސް ގެ ރައީސާ އައިމިނަތު ރައުދާ ރަޝީދު ވަނީ ހުރިހާ ދަރިވަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި މި ހަރަކާތުގައި ކުޅުމަށް ރޭވިފައިވާ ގޭމް ތަކުގެ ތައާރަފެއް ކިޔައިދީފައިވެއެވެ.
މީގެ އިތުރުން މިބައްދަލުވުމުގައި އެމް.އެން.ޔޫ.އެސް.ޔޫ ގެ ނައިބް ރައީސް (ގޮފިތައް) ހުސެއިން ޒައިދު ދަރިވަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޔުނިވާރސިޓީގެ ހަޔާތަކީ ހަމަ އެކަނި ކިޔަވައިގެން ގެއަށް ދިޔުމުގެ ބަދަލުގައި ވީ ވަރަކުން އިތުރު ހަރަކާތް ތަކުގައި ބައިވެރިވެ އިތުރު ހުނަރުތަކެއް ދަސްކުރާންވީ ހަޔާތެއް ކަމުގައި ހެދުން މުހިއްމުކަމުގައެވެ. އަދި ވީހާވެސް ގިނަ ދަރިވަރުން އެމް،އެން.ޔޫ.އެސް.ޔޫގެ ލީޑާރސް ގްރޫޕާ ގުޅުމަށް ޒައިދު ވަނީ އިލްތިމާސްކޮށްފައެވެ.
މި ބައްދަލުވުމުގައި ހުރިހާ ކުދިންގެ ތައާރަފަށް ފަހު ދަރިވަރުންނާއި ލީޑަރުންނާ އެކު ހެދިފައިވާ ގުރޫޕުތަކުގައި ތަފާތު ގޭމްތައް ކުރިއަށް ގެންދިޔައެވެ. އެއަށްފަހު ހުރިހާ ދަރިވަރުންނާއި ލީޑަރުން އެއްކޮށް ވެސް ވަނީ ތަފާތު ގޭމްތަކެއް ކުޅެފައެވެ. މީގެ އިތުރުން ކޭކު ފެޅުމާއި ފޮޓޯ ނެގުން ކުރިއަށްދިޔައެވެ.
މިއީ ޝެޓްސް އާއި ހީލާރސް ގުޅިގެން ކުރިޔަށް ގެންދިޔަ ފުރަތަމަ ހަރަކާތެވެ.