ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ދަރިވަރުންގެ ޔޫނިއަންގެ ފެކަލްޓީ އޮފް ހެލްތްސައިންސަސްގައި ގާއިމް ކޮށްފައިވާ ގޮފި ހީލާރސް ގެ ފަރާތުން ފެކަލްޓީގެ ޑީން ޑރ. ފަޒީލާ ވަހީދާއި ބައްދަލުކޮށްފިއެވެ.
01 މާރިޗް ވީ އަންގާރަ ދުވަހު އެފް.އެޗް.އެސް މީޓިން ރޫމްގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި ހީލާރސްގެ ފަރާތުން ވަނީ މިއަހަރު ކުރިއަށް ގެންދިއުމަށް ރޭވިފައި ހުރި ހަރަކާތްތައް ޑީން އަށް ހިއްސާކޮށްފައެވެ. މީގެ އިތުރުން ވީހާވެސް ބޮޑަށް ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވުން އިތުރު ކުރެވޭނެ ގޮތްތަކާ މެދު ވަނީ މަޝްވަރާކުރެވިފައެވެ. އަދި ހީލާރސްއިން ކުރިއަށް ގެންދާ ކޮންމެ ހަރަކާތަކަށްވެސް އެފް.އެޗް.އެސް މެނޭޖްމެންޓްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަށް ޑީން ވަނީ ދެއްވާފައެވެ.
ހަމަމިއާއެކު ހީލާރސްގެ ރައީސާ ހަސްނާ ވިޝާމް ވަނީ މިއަހަރު ހަރަކާތްތައް ރޭވުމުގައި އެކި ކުދިންގެ މިޒާޖާ ގުޅޭ ތަފާތު ހަރާކާތްތައް އިންތިޒާމް ކުރުމަށް އިސްކަންދޭނެކަމަށާއި ކުރިއަށްވުރެ ހަރަކާތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނެކަމަށް ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ހީލާރސްގެ ފަރާތުން ވަނީ އައު އޮފީހަކާއި، ހީލާރސް ނޯޓިސްބޯޑެއް ހެދުމަށް ޖާގަ ހަމަޖައްސައިދިނުމަށް ޑީންގެ ފަރާތުން އެދިފައެވެ. އަދި މިހާރު ދަރިވަރުންގެ ފަރާތުން ހުށަހެޅިފައިހުރި އެކިއެކި ޝަކުވާތައް ޑީންއާ ހިއްސާކުރެވި މިފަދަ ކަންކަން ރަނގަޅުކުރުމަށް ދަރިވަރުންގެ ޚިޔާލުތައް ހިންގާކޮމެޓީގެ މެންބަރުންގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.
ފާއިތުވި އަހަރުތަކުގައިވެސް ހީލާރސްގެ ފަރާތުން ކުރިއަށްގެންދެވުނު ހަރަކާތްތަކުގައި އެފް.އެޗް.އެސްގެ މެނޭޖްމެންޓާއި ޑީންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށްލަންޖެހެއެވެ. ޚާއްސަގޮތެއްގައި ހީލާރސްއާ ދެމެދު ޑީން ބާއްވާ ގާތްކަން އުފަލާއެކު ފާހަގަކުރަމެވެ.





