ހީލާރސް އާއި ސޮސައިޓީ ފޯ ހެލްތް އެޑުކޭޝަން (ޝީ) އިން ގުޅިގެން އެފް.އެޗް.އެސް ގައި ވޯކްޝޮޕެއް ބާއްވައިފިއެވެ. އެފް.އެޗް.އެސް ކޮންފަރެންސް ހޯލް ގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް އަމާޒުކޮށްފައިވަނީ 18 އަހަރާއި 30 އަހަރާއި ދެމެދުގައި އެފް.އެޗް.އެސް ގައި ކިޔަވަމުން ދާ އަންހެން ދަރިވަރުންނަށެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ ”ބޮޑީ އިމޭޖް އިޝޫސް“ އަދި ”ސެލްފް ކޮންފިޑެންސް“ ގެ ތަފާތު އެކިއެކި މައްސަލަތަކަށް އަލިއަޅުވާލައި މިފަދަ ކަންކަމުން އަރައިގަނެވޭނެ ބައިވަރު އުކުޅުތައް ދަސްކޮށްދިނުމެވެ. އަދި ހަމަ އެހެންމެ މިފަދަ ނަފްސާނީ މައްސަލަތަކަށް ކުދިން ހޭލުންތެރިކޮށް ދިނުންވެސް މެއެވެ.
ޖުމްލަ 33 ކުދިން ބައިވެރިވި މި ވޯކްޝޮޕްގައި ތަފާތު ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންދެވިފައެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ގްރޫޕްކޮށް ކުރިއަށް ގެންދިޔަ ”ކެރެކްޓާ ޑިވެލޮޕްމެންޓް“ ހަރަކާތެވެ. މިހަރަކާތުގެ ތެރެއިން ”ޝީ“ ގެ ފަރާތުން ވަނީ ތަފާތު ކުދިންތައް ތަޖުރިބާ ކުރަމުންދާ އެކިއެކި ”ބޮޑީ އިމޭޖް“ މައްސަލަތަކާއި މި މައްސަލަތައް ދިމާވާ މައިގަނޑު ސަބަބުތަކަށްވެސް އަލިއަޅުވާލާފައެވެ.
އެފް.އެޗް.އެސް ގެ ދަރިވަރުންގެ ފަރާތުން މި ވޯކްޝޮޕްއަށް ލިބިގެންދިޔަ ތަރުހީބު ފާހަގަކޮށް ”ޝީ“ އިން ވަނީ އަވަސް މުސްތަޤުބަލެއްގައި އިތުރު ވޯކްޝޮޕްތަކެއް މި ފެކަލްޓީގައި ހިންގާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ހަމަ އެހެންމެ ހީލާރސްގެ ފަރާތުން މިފަދަ ވޯކްޝޯޕްތައް ކުރިއަށް ގެންދެވުމަށް ދޭ އަޙައްމިއްޔަތުކަން ފާހަގަކޮށް ”ޝީ“ އިން ވަނީ ހީލާރސް އަށް ޝުކުރުއަދާކޮށްފައެވެ.
މި ވޯކްޝޮޕަކީ ހީލާރސް އާއި ސޮސައިޓީ ފޯ ހެލްތް އެޑުކޭޝަން (ޝީ) ގުޅިގެން އަލަށް ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.





