މެޑިކަލް ލެބޯރެޓަރީ ދާއިރާގައި މަސައްކަތްކުރަމުންދާ ފަރާތްތަކުގެ ހަފްތާ (ލެބް ވީކް) ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ، މެޑިކަލް ލެބޯރެޓަރީ ދާއިރާއިން މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުން އިސްނަގައިގެން، ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މި ދަރިވަރުންނާއި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ދަރިވަރުންގެ ޔޫނިއަން، ހީލަރސް އަދި މޯލްޑިވްސް ބްލަޑް ސަރވިސަސް (އެމްބީއެސް) ގުޅިގެންނެވެ.
އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށް ކުރިއަށް ގެންދިޔަ ހަރަކާތަކީ ޔުނިވަރސިޓީގެ ދަރިވަރުންނާއި، މުވައްޒަފުންނާއި، އާއްމުންނަށްވެސް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މޯލްޑިވްސް ބްލަޑް ސަރވިސަސްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޖުމުލަ 54 ފަރާތަކުން ބައިވެރިވެ، ލޭ ހަދިޔާކޮށްފައިވެއެވެ.
ކޮންމެ އަހަރެއްގެވެސް ފާހަގަކުރަމުން އަންނަ މެޑިކަލް ލެބޯރެޓަރީ ޕްރޮފެޝަނަލުންގެ ހަފްތާއަކީ، އެ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކުން އަދާކުރަމުން އަންނަ މުޙިއްމު ދައުރާމެދު އާއްމުން ހޭލުންތެރިކުރުވުމަށް ފާހަގަކުރަމުން އަންނަ ހަފްތާއެކެވެ.





