’އެމްއެންޔޫ ފަހިސުފުރާ 2023‘ ގެ ތެރެއިން ހިންގުނު ކުޑަކުދިންގެ ހަވީރުގައި، މެޑިކޯސްއިން ތައްޔާރުކުރި ސްޓޯލަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މި ސްޓޯލްގެ ކަންތައްތައް މެޑިކޯސްގެ ފަރާތުން އިންތިޒާމު ކުރިއިރު، ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ފަރާތުން މިކަމަށްވަނީ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައެވެ.
މެޑިކޯސްގެ މި ސްޓޯލުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު، މަޖާ ހަރަކާތްތަކެއް ހިންގިފައި ވެއެވެ. މިގޮތުން ހަށިގަނޑުގެ އެކި އެކި ގުނަވަންތަކަށް ކުދިން އަހުލުވެރި ކުރުމުގެ ގޮތުން، އެ ގުނަވަންތައް ކުރަހާ ކުލަ ޖެއްސުމާއި، އެ ގުނަވަނެއް ނިސްބަތްވާ ތަނެއްގައި ގުނަވަން ހިއްޕުން ފަދަ ހަރަކާތްތައް ކުރިޔަށް ގެންދެވުނެވެ. މި ހަރަކާތްތަކާއި ގޭމްތަކުގެ ސަބަބުން މަޖާ މާހައުލަކުން ކުޑަކުދިންނަށް ތަފާތު ގިނަ މައުލޫމާތު ފޯރުކޮށްދެވިފައި ވެއެވެ. މީގެ އިތުރުން މެޑިކޯސްއިން ތައްޔާރުކުރި ޚާއްސަ ފްރޭމްތަކުގައި، ޑަކްޓަރުން ބޭނުންކުރާ ބައެއް އާލާތްތަކާއި އެކު ފޮޓޯ ނެގުމުގެ އިންތިޒާމްވެސް ވަނީ ހަމަޖެހިގެން ގޮސްފައެވެ.
މި ސްޓޯލްތައް ބަލާލުމަށާއި، ހަރަކާތްތަކުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ޒިޔާރަތްކޮށްފައި ވެއެވެ.
މި ހަރަކާތަށް މެޑިކޯސްގެ ސްޓޯލް ތައްޔާރުކޮށް ކުރިޔަށް ގެންދިޔުމުގައި ސްކޫލް އޮފް މެޑިސިންގެ ވިއްސަށް ވުރެށް ގިނަ ދަރިވަރުން ބައިވެެރިވިއެވެ. ފަހަކަށް އައިސް މިފަދަ ގިނަ ހަރަކާތްތައް ރާވާ ހިންގުމުގައި މެޑިކޯސްގެ ބައިވެރިވުން ދަނީ އިތުރުކުރަމުންނެވެ.





