”އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން ޓޯރނަމެންޓް 2023“ ގައި ސްކޫލް އޮފް މެޑިސިންގެ ފަރާތުން ވާދަކުރާ ޓީމަށް ޖަރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިރަސްމިއްޔާތު ބޭއްވިގެން ގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ގައި، ދަރުމަވަންތަ ހޮސްޕިޓަލުގެ 14 ވަނަ ފަންގިފިލާގައެވެ.
މިރަސްމިއްޔާތުގައި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން، މެޑިކޯސްގެ ހިންގާ ކޮމިޓީގެ ހުރިހާ މެންބަރުން ވަނީ ބައިވެރިވެފައެވެ. މިގޮތުން މިރަސްމިއްޔާތުގައި ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖާރޒީ ހަވާލުކޮށްދެއްވާފައިވަނީ، މެޑިކޯސްގެ މިދައުރުގެ ރައީސާ ފާޠިމަތު މާހާ އާދިލްއެވެ.
މިރަސްމިއްޔާތުގައި ކުޅުންތެރިންނާ ވާހަކަދައްކަވަމުން، މާހާ ވަނީ ކުޅުންތެރިންނަށް ހިތްވަރުދެއްވާ، މޮޅު އަދި ޑިސިޕްލިން ކުޅުމެއް ދެއްކުމަށް ނަސޭހަތްތެރިވެފައެވެ.
މިހިނގާ އޭޕްރިލް މަހުގެ 6 އަކުން 12 އަށް ކުރިޔަށްދާ މި މުބާރާތުގައި އެމް.އެން.ޔޫގެ 10 ފެކަލްޓީއަކުން ދަރިވަރުން ބައިވެރިވެއެވެ. މިގޮތުން މެޑިކޯސްގެ ޓީމުގައި 12 ކުޅުންތެރިޔަކު ހިމެނެއެވެ. މި މުބާރާތަކީ އެމްއެންޔޫއެސްޔޫ އިން ކުރިޔަށްގެންދާ މިފަދަ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ.





