މިޝަން ފޯރ މައިގްރެންޓް ވޯރކާސް، ’އެމް.އެމް.ޑަބްލިޔު.އެމް‘ އަދި މެޑިކޯސް އާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ދެ ފަރާތް ގުޅިގެން އެކި އެކި ހަރަކާތްތައް ރާވާ ހިންގުމާއި، ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ޓަކައި ސޮއި ކުރެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި އެމް.އެމް.ޑަބްލިޔު.އެމްގެ ފަރާތުން ސޮއި ކުރެއްވީ، އެ ޖަމިއްޔާގެ ބާނީ އަދި ރައީސް، ޑރ. މިނާހް ފާއިޒް އެވެ. އަދި މެޑިކޯސްގެ ފަރާތުން ސޮއިކުރެއްވީ މެޑިކޯސްގެ ރައީސާ ފާޠިމަތު މާހާ އާދިލްއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ޓަކައި ބޭއްވުނު ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ، ބުދަ ދުވަހުގެ ރޭ 8:00 ގައި ދަރުމަވަންތަ ހަސްފަތާލުގެ 14 ވަނަ ފަންގިފިލާގައި ހުންނަ، ސްކޫލް އޮފް މެޑިސިންގެ ކެމްޕަހުގައެވެ.
މި އެއްބަސްވުމުގެ ދަށުން، އެމްއެމްޑަބްލިޔުއެމްގެ އެކި އެކި ހަރަކާތްތަކުގައި ހަރަކާތްތެރިވުމަށް، މެޑިކޯސްގެ ފަރާތުން ވޮލަންޓިއަރުންގެ ޕޫލް އެއް އެކުލަވާލާ، އެ ދަރިވަރުން އެމް.އެމް.ޑަބްލިޔު.އެމްގެ އެކި އެކި ހަރަކާތްތަކުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު މިދަރިވަރުންނަށް އަމާޒުކޮށްގެން އެކިއެކި ޓްރެއިނިންގް ޕްރޮގްރާމްތައް، އެމް.އެމް.ޑަބްލިޔު.އެމް ގެ ފަރާތުން ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
2021 ވަނަ އަހަރުން ފެށިގެން މެޑިކޯސްގެ ފަރާތުން ދަނީ އެމް.އެމް.ޑަބްލިޔު.އެމް ގެ އެކި އެކި ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ ވޮލަންޓިއަރ ކުރަމުންނެވެ. މިގޮތުން އެމް.އެމް.ޑަބްލިޔު.އެމް އިން ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ހިންގާ ހެލްތު ކޭމްޕްތައް ރާވާ ހިންގުމުގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންނެވެ.
އެމް.އެމް.ޑަބްލިޔު.އެމް އަކީ ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަަގްސަދުގައި ރަސްމީކޮށް ރަޖިސްޓްރީ ކުރެވިގެން ހަރަކާތްތެރިވާން ފެށި ފުރަތަމަ ޖަމިއްޔާއެވެ. އެމް.އެމް.ޑަބްލިޔު.އެމްގެ ފަރާތުން ދަނީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާ ހިންގަމުންނެވެ.
މިރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްޓޫޑަންޓް ޔޫނިއަންގެ ހިންގާ ކޮމިޓީގެ މެމްބަރުންގެ އިތުރުން، މެޑިކޯސްގެ ހިންގާ ކޮމިޓީގެ މެމްބަރުންނާއި، ސްކޫލް އޮފް މެޑިސިންގެ ގިނަ ދަރިވަރުން އަދި އެމް.އެމް.ޑަބްލިޔު.އެމްގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.





