ދުނިޔޭގެ ސިއްހަތުގެ ދުވަސް ފާހަގަކުރުމަށްޓަކައި މެޑިކޯސް، ނިއަރެސް އަދި ހީލަރސް ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ”މެޑިކޯސް ހެލްތު އެންޑް ފަން“ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ހުކުރު ދުވަހުގެ ހަވީރު ސޯޝަލް ސެންޓަރ ސަރަހައްދުގައި ކުރިޔަށް ގެންދެވުނު މި ހަރަކާތަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
މިހަރަކާތުގެ ތެރެއިން އާންމުންނަށް ހުޅުވާލައިގެން ހެލްތު ސްކްރީނިންގ ޕްރޮގްރާމެއް ކުރިޔަށް ގެންދެވިފައި ވެއެވެ. މިގޮތުން އިސްކޮޅާއި ބަރުދަން ބެލުމާއި، ހަކުރު ހުރި މިންވަރު ބެލުމާއި، ލޭގެ ޕްރެޝަރ ބެލުމާއި، ނަފްސާނީ ބަލިތަކަށް ސްކްރީން ކުރުމުގެ ސްޓޯލްތަކެއް މިހަރަކާތުގެ ތެރެއިން ކުރިޔަށް ގެންދެވިފައިވެއެވެ. މި ސްޓޯލްތަކުގައި ހަރަކާތްތެރިވެފައިވަނީ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންނެވެ. މީގެ އިތުރުން ފެކަލްޓީ އޮފް ހެލްތު ސައިންސް ގައި ފިޒިއޮތެރަޕީ ކިޔަވާ ދަރިވަރުންގެ ފަރާތުން، ފިޒިއޮތެރަޕީއާ ބެހޭ މަޢުލޫމާތު ދިނުމުގެ ސްޓޯލްތަކެއްވެސް ކުރިޔަށް ގެންގޮސްފައިވެއެވެ. މި ހަރަކާތުގެ ތެރެއިން 65 މީހަކު ވަނީ ސްކްރީން ކުރެވިފައެވެ.
މީގެ އިތުރުން މިހަރަކާތުގެ ތެރެއިން ކުޑަކުދިންނަށް އަމާޒުކޮށްގެން ގިނަ ސްޓޯލްތަކެއް ކުރިޔަށް ގެންދެވިފައިވެއެވެ. މި ހަރަކާތްތަކުގެ އަމާޒަކީ ކުޑަކުދިންނަށް އާއިލާއާއެކު އައިސް މަޖާ ކޮށްލާނެ މާހައުލެއް ގާއިމު ކޮށްދިނުމެވެ. ކުޑަކުދިންގެ ސްޓޯލްތައް ތައްޔާރުކޮށްފައިވަނީ، މެޑިކޯސް، ނިއަރެސް އަދި ހީލަރސް ގުޅިގެންނެވެ.
ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މީގެ އިތުރުން ވެސް ގިނަ ހަރަކާތްތަކެއް ވަނީ ކުރިޔަށް ގެންދެވިފައެވެ. މިގޮތުން ހީލާރސް ރަން، ނިއަރެސްގެ ”ބެޓްލް އޮފް ބްރެއިންސް“ ކުއިޒް، އަދި މެޑިކޯސްގެ ”ހެލްތީ އިފްތާރް“ މުބާރާތް ފާހަގަކޮށްލެވެއެވެ. މިހަރަކާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޭޕްރިލް 29 ވީ ހޮނިހިރު ދުވަހުގެ ރޭގައެވެ.





