މިޝަން ފޯރ މައިގްރޭންޓް ވޯރކާސް (އެމް.އެމް.ޑަބްލިޔު.އެމް) އިން އއ.ތޮއްޑޫގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ބޭއްވި ހެލްތު ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ހަރަކާތުގައި މެޑިކޯސްގެ ފަރާތުން ތިން ދަރުމަވެރިންވަނީ އެރަށަށް ގޮސް، ޢަމަލީގޮތުން ކޭމްޕުގައި ބައިވެރިވެފައެވެ.
ސެޕްޓެމްބަރ 1 ވީ ހުކުރު ދުވަހުގެ 14:00 އިން 18:30 އަށް ކުރިޔަށް ގެންދެވުނު މިކޭމްޕުގައި ޖުމްލަ 129 ބިދޭސީއަކު ވަނީ ބައިވެރިވެފައެވެ. އޭގޭ ތެރޭގާއި އިންޑިއާ، ނޭޕާލް، ބަނގްލަދޭޝް އަދި މިނޫންވެސް އެކި ގައުމުތަކަށް ނިސްބަތްވާ ބިދޭސީން ހިމެނޭކަން ފާހަގަކޮށްލެވެއެވެ. މިހަރާކަތުގައި އެމް.އެމް.ޑަބްލިޔު.އެމްގެ މެމްބަރުންނާއި، ޑޮކްޓަރުންނާއި، ނަރުހުންނާއި، ފާމަސިސްޓުންނާއި، މެޑިކޯސްގެ ވޮލަންޓިއަރުން އަދި ތޮއްޑޫއަށް ނިސްބަތްވާ ޒުވާން ވޮލަންޓިއަރުންތަކެއް މަސައްކަތްކޮށްފައިވެއެވެ. ހަމައެއާއެކު ބިދޭސީންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ދިނުމުގެ ގޮތުން ޕަބްލިކް އިންޓެރެސްޓް ލޯ ސެންޓަރ (ޕީ.އައި.އެލް.ސީ)ގެ ބޭފުޅުންވެސް ބައިވެރިވެލެއްވިއެވެ.
މިހަރަކާތުގެ ތެރެއިން ބިދޭސީންގެ ހެލްތު ޗެކަޕް އަދި ސައިކޯސޯޝަލް އެސެސްމެންޓް ހެދުމާއި، ޑޮކްޓަރަށް ދެއްކުމާއި، ބޭސް ބޭނުންވާ ފަރާތްތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ވަނީ ކުރެވިފައެވެ. ހަމައެއާއިއެކު ހިއުމަން ޓްރެފިކިންގެ މައްސަލަތައް ދެނެގަތުމަށްޓަކާވެސް މަސައްކަތްތަކެއް ކުރެވިފައިވެއެވެ.
އެމް.އެމް.ޑަބްލިޔު.އެމް އަކީ ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަގްސަދުގައި ރަސްމީކޮށް ރަޖިސްޓްރީ ކުރެވިގެން ހަރަކާތްތެރިވާން ފެށި ފުރަތަމަ ޖަމިއްޔާއެވެ. އެމް.އެމް.ޑަބްލިޔު.އެމްގެ ފަރާތުން ދަނީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާ ހިންގަމުންނެވެ. އެމް.އެމް.ޑަބްލިޔު.އެމް އާއި މެޑިކޯސް އެކުގައި މަސައްކަތްކުރަން ފެށިފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.
މެޑިކޯސްއިން ދަނީ ސިއްހީ ދާއިރާއާ ގުޅުން ހުރި ކަންކަމުގައި ދަރިވަރުންނަށް ވޮލަންޓިއަރ މަސައްކަތްކުރުމުގެ ފުރުސަތު ގިނަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ މައިގަނޑު މަގްސަދަކީ މިކަމުގެ ތެރެއިން މުޅި އެމްއެންޔޫ އަށް ވެސް ރީތި ނަމާއި ޝަރަފެއް ހޯދައިދިނުމެވެ. އަދި ކުދިންގެ ހުނަރާއި ތަޖުރިބާ އިތުރު ކުރުމެވެ.





