މިޝަން ފޯރ މައިގްރެންޓް ވޯރކާސް (އެމް.އެމް.ޑަބްލިޔު.އެމް) ގެ ފަރާތުން މެޑިކޯސްގެ ދަރުމަވެރިން އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިންގ) އަށް އަހުލުވެރި ކުރުމަށް ޚާއްސަ ޓްރެއިނިންގް ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ.
މި ސެޝަން ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 20:00 އިން 22:00 އަށެވެ. ދެގަޑި އިރަށް ދެމިގެން ދިޔަ މި ސެޝަންގައި މެޑިކޯސްގެ ފަރާތުން 18 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.
މިސެޝަންގެ ތެރެއިން ބިދޭސީ މަސައްކަތްތެރިންނަށް ރާއްޖޭގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރެވި، ޚިޔާލު ބަދަލުކުރެވިފައި ވެއެވެ. ހަމައެއާއިއެކު ބިދޭސީންނަށް ސިއްހީގޮތުން ދިމާވާ އެކިއެކި މައްސަލަތަކާއި އެކަންކަން ދިމާވަން މެދުވެރިވާ ސަބަބުތަކާ މެދު ވަނީ މަޝްވަރާކުރެވިފައެވެ.
މީގެ އިތުރުން ހިއުމަން ޓްރެފިކިންގ އަކީ ކޮބާކަމާއި، އެކަމާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ދަރިވަރުންނަށް ފޯރުކޮށްދެވިފައިވެއެވެ. މީގެ އިތުރުން އެމް.އެމް.ޑަބްލިޔު.އެމް އަދި މެޑިކޯސް ގުޅިގެން ކުރިޔަށް ގެންދާ ހެލްތު ކޭމްޕްތަކުގައި ހިއުމަން ޓްރެފިކިންގެ ޝިކާރާއަކަށް ވެފައިވާ ބިދޭސީ މަސައްކަތްތެރިން ދެނެގަންނާނެ ގޮތުގެ ތަމްރީނުވެސް ދަރިވަރުންނަށް ފޯރުކޮށްދެވިފައިވެއެވެ. އެމް.އެމް.ޑަބްލިޔު.އެމް ގެ ފަރާތުން މިސެޝަން ކުރިޔަށް ގެންގޮސްފައިވަނީ އެ ޖަމިއްޔާގެ މެމްބަރ ޖޫޒާން ޚަލީލެވެ.
އެމް.އެމް.ޑަބްލިޔު.އެމް އަކީ ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަގްސަދުގައި ރަސްމީކޮށް ރަޖިސްޓްރީ ކުރެވިގެން ހަރަކާތްތެރިވާން ފެށި ފުރަތަމަ ޖަމިއްޔާއެވެ. އެމް.އެމް.ޑަބްލިޔު.އެމްގެ ފަރާތުން ދަނީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާ ހިންގަމުންނެވެ. އެމް.އެމް.ޑަބްލިޔު.އެމް އާއި މެޑިކޯސް އެކުގައި މަސައްކަތްކުރަން ފެށިފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.





