މިޝަން ފޯރ މައިގްރޭންޓް ވޯރކާސް (އެމް.އެމް.ޑަބްލިޔު.އެމް) އަދި މެޑިކޯސް ގުޅިގެން ހުޅުމާލެ ފޭސް 2 ގައި ހެލްތު ކޭމްޕެއް ކުރިޔަށް ގެންގޮސްފިއެވެ. މި ކޭމްޕް ކުރިޔަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ފޭސް-2 ގައެވެ. މި ކޭމްޕަކީ އެމް.އެމް.ޑަބްލިޔު.އެމްގެ އެހެން ކޭމްޕްތަކެކޭ އެއްފަދައިން ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދެވުނު ކޭމްޕެކެވެ.
މި ކޭމްޕް ވެގެން ގޮސްފައިވަނީ ތަފާތު ބޮޑު ތަރުހީބެއް ލިބުނު ކޭމްޕަކަށެވެ. މި ކޭމްޕުގައި ޖުމްލަ 130 އަށް ވުރެ ގިނަ ބިދޭސީން ވަނީ ސްކްރީން ކުރެވިފައެވެ. މި ކޭމްޕްގެ ތެރެއިން ބަރުދަނާއި އިސްކޮޅު ބެލުމާއި، ލޭގެ ހަކުރު ހުރި މިންވަރު ބެލުމާއި، ލޭގެ ޕްރެޝަރު ހުރި މިންވަރު ބެލުމުގެ އިންތިޒާމު ހަމަޖެހިގެން ގޮސްފައިވެއެވެ. ހަމައެއާއެކު ޑޮކްޓަރަކާއި ބައްދަލުކޮށް ސިއްހީ ލަފާ ހޯދުމަށް ޚާއްސަ މޭޒަކާއި، ބޭސް ދޫކުރުމަށް ޚާއްސަ މޭޒެއް އަދި ގާނޫނީ ލަފާ ދިނުމަށް ޚާއްސަ މޭޒެއް އެތަނުގައި ވަނީ ބެހެއްޓިފައެވެ. މި ކޭމްޕްގެ ތެރެއިން ’ހިއުމަން ޓްރެފިކިންގ’ގެ ޝިކާރައަކަށް ވެފައިވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ވެސް ވަނީ ކުރެވިފައެވެ.
މިކޭމްޕްގައި މެޑިކޯސްގެ ފަރާތުން 15 ދަރުމަވެރިން ހަރަކާތްތެރިވެފައި ވެއެވެ. މިގޮތުން ކޭމްޕްގެ ތައްޔާރީތަކުން ފެށިގެން ގޮސް ކޭމްޕް ނިމުމާ ހަމައަށް އެކިއެކި މަސައްކަތްތަކުގައި ދަރިވަރުންވަނީ އަމަލީގޮތުން ބައިވެރިވެފައެވެ.
މެޑިކޯސްގެ ފަރާތުން ދަރިވަރުން ދަނީ އެކިއެކި ޖަމިއްޔާތަކާއި އެކު، މިފަދަ ހެލްތު ކޭމްޕްތަކުގައި ދަރުމަވެރިންގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ. މެޑިކޯސްގެ އަމާޒަކީ މިމަސައްކަތުގެ ތެރެއިން ސްކޫލް އޮފް މެޑިސިން އަދި ގައުމީ ޔުނިވާސިޓީއަށް ރީތި ނަމެއް ހޯދައިދިނުމެވެ. މި މަސައްކަތުގައި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ފަރާތުން ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.





