މިޝަން ފޯރ މައިގްރޭންޓް ވޯރކާސް (އެމް.އެމް.ޑަބްލިޔު.އެމް) އަދި މެޑިކޯސް ގުޅިގެން ހުޅުމާލެ ފޭސް 2 ގައި ކުރިޔަށް ގެންދެވުނު ހެލްތު ކޭމްޕް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. ހުކުރު ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް ކުރިޔަށް ދިޔަ މިކޭމްޕްގައި މެޑިކޯސްގެ ފަރާތުން 30 ދަރުމަވެރިން ވަނީ ބައިވެރިވެފައެވެ. މި ކޭމްޕަކީ އެމް.އެމް.ޑަބްލިޔު.އެމްގެ އެހެން ކޭމްޕްތަކެކޭ އެއްފަދައިން ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ސިލްސިލާކޮށް ކުރިޔަށް ގެންދެވޭ ކޭމްޕްތަކުގެ ތެރެއިން ކޭމްޕެކެވެ.
މިކޭމްޕްގައި ޖުމްލަ 224 ބިދޭސީން ވަނީ ސްކްރީން ކުރެވިފައެވެ. ކޭމްޕްގެ ތެރެއިން ބިދޭސީންގެ ހެލްތު ޗެކަޕް ހެދުމުގެ ޚިދުމަތުގެ އިތުރުން ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ވެސް ވަނީ ހަމަޖެހިގެން ގޮސްފައެވެ. އަދި ބިދޭސީންނަށް ހިލޭ ބޭސް ފޯރުކޮށްދޭ ފާމަސީއެއްގެ ޚިދުމަތާއި، ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ފަރާތުން ގާނޫނީ ލަފާދިނުމަށް ޚާއްސަ މޭޒަކާއި، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގެ ފަރާތުން ސައިކޮސޯޝަލް ސަޕޯޓް ދިނުމަށް ޚާއްސަ މޭޒެއް ގާއިމު ކުރެވިފައިވެއެވެ.
މިކޭމްޕްއަށް ތައްޔާރު ވުމުގެ މަރުހަލާއިން ފެށިގެން ކޭމްޕް ނިމުމާއި ހަމަޔަށް އެކި މަސައްކަތް ތަކުގައި މެޑިކޯސްގެ ދަރުމަވެރިން ވަނީ ބައިވެރިވެފައެވެ.
އެމް.އެމް.ޑަބްލިޔު.އެމް އަކީ ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަގްސަދުގައި ރަސްމީކޮށް ރަޖިސްޓްރީ ކުރެވިގެން ހަރަކާތްތެރިވާން ފެށި ފުރަތަމަ ޖަމިއްޔާއެވެ. އެމް.އެމް.ޑަބްލިޔު.އެމްގެ ފަރާތުން ދަނީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާ ހިންގަމުންނެވެ. އެމް.އެމް.ޑަބްލިޔު.އެމް އާއި މެޑިކޯސް އެކުގައި މަސައްކަތްކުރަން ފެށިފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން ދެފަރާތް ގުޅިގެން ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިފައި ވެއެވެ.
މެޑިކޯސްގެ ފަރާތުން ދަރިވަރުން ދަނީ އެކިއެކި ޖަމިއްޔާތަކާއެކު، މިފަދަ ހެލްތު ކޭމްޕްތަކުގައި ދަރުމަވެރިންގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ. މެޑިކޯސްގެ އަމާޒަކީ މިމަސައްކަތުގެ ތެރެއިން ސްކޫލް އޮފް މެޑިސިން އަދި ގައުމީ ޔުނިވާސިޓީއަށް ރީތި ނަމެއް ހޯދައިދިނުމެވެ. މި މަސައްކަތުގައި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ފަރާތުން ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.





