ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ކުރިޔަށް ގެންދިޔަ ކެންސަރ ސްކްރީނިން ހަރަކާތުގައި މެޑިކޯސްގެ ފަރާތުން ބައިވެރިވެއްޖެއެވެ.
މި ހަރަކާތް ކުރިޔަށް ގޮސްފައިވަނީ މިހިނގާ އޮކްޓޯބަރ މަހުގެ 25 ހުން 28 ގެ ނިޔަލަށެވެ. މިހަރަކާތުގެ ތެރެއިން ހަރަކާތުގެ ބައިވެރިން ވަނީ އިހަވަންދިއްޕޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ހއ. ހޯރަފުށި، ހއ. މޮޅަދޫ، ހއ.އުލިގަމު، ހއ.ތުރާކުނު އަދި ހއ.އިހަވަންދޫއެވެ.
މިހަރަކާތުގެ ތެރެއިން ކޮންމެ ރަށެއްގައި ވެސް ވަނީ ކެންސަރަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން މަދަރުސާ ދަރިވަރުންނަށް ޚާއްޞަ ސެޝަނަކާއި، ބޮޑެތި މީހުންނަށް ޚާއްޞަ ސެޝަނެއް ކޮންމެ ރަށެއްގައިވެސް ކުރިޔަށް ގެންދެވިފައި ވެއެވެ.
މިހަރަކާތުގެ ތެރެއިން ޖުމްލަ 500 އަށް ވުރެން ގިނަ މީހުންވަނީ ކެންސަރަށް ސްކްރީން ކުރެވިފައެވެ. އޭގެ ތެރޭގައި އުރަމަތީގެ ކެންސަރަށް 152 މީހަކާއި، އަނގައިގެ ކެންސަރަށް 229 މީހަކާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް 96 މީހުން ސްކްރީން ކުރެވިފައިވެއެވެ. ހަމައެހެންމެ ބޮޑު ގޮހޮރުގެ ކެންސަރަށް 46 މީހަކު ސްކްރީން ކުރެވުނު އިރު، ކުޑަކަމުދާ ނިޒާމުގެ ކެންސަރަށް 51 މީހަކު ވަނީ ސްކްރީން ކުރެވިފައެވެ.
މިދަތުރުގައި ސިންގަޕޫރުގެ ޚާއްސަ ޑޮކްޓަރުންގެ ޓީމެއްވެސް ބައިވެރިވެވަޑައިގެންފާ ވެއެވެ. ހަމަ އެއާއެކު އެކި އެކި ދާއިރާތަކަށް ޚާއްސަ ޑޮކްޓަރުންނާއި، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ މެމްބަރުންގެ އިތުރުން، ސްކޫލް އޮފް މެޑިސިންގެ ދަރިވަރަކު ވެސް ވަނީ ބައިވެރިވެފައެވެ.
މެޑިކޯސްގެ އަމާޒަކީ މިފަދަ ގިނަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދީ، އުނގެނުމުގެ ތަފާތު ތަޖުރިބާތައް ހޯދުމަށް މިހަާރަށް ވުރެން ފުޅާ ދާއިރާއެއްގައި މަގުފަހިކޮށްދިނުމެވެ. އަދި މެޑިކޯސްގެ ދަރުމަވެރިންގެ މަސައްކަތަކީ މުޅި ރާއްޖެއިން ބަލައިގަންނަ މަސައްކަތަކަށް ހަދާ، ސްކޫލް އޮފް މެޑިސިން އަދި ގައުމީ ޔުނިވާސިޓީއަށް ރީތި ނަމެއް ހޯދައިދިނުމެވެ.





