މެޑިކޯސްގެ ބައިވެރިވުމާއެކު ކ.ތުލުސްދޫގައި، މިޝަން ފޯރ މައިގްރެންޓް ވޯރކާސް މޯލްޑިވްސް (އެމް.އެމް.ޑަބްލިޔު.އެމް) އިން ކުރިޔަށް ގެންދިޔަ ހެލްތު ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ހެލްތު ކޭމްޕް ކުރިޔަށް ގެންދެވިފައިވަނީ 10 ނޮވެމްބަރ ވީ ހުކުރު ދުވަހުގެ 15:00 އިން 18:00 ގެ ނިޔަލަށެވެ. މި ކޭމްޕަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްސަކޮށްގެން ބޭއްވި ކޭމްޕެކެވެ.
މި ކޭމްޕަކީ ކ.ތުލުސްދޫގައި ކުރިޔަށް ގެންދެވުނު ”މައިގްރޭންޓްސް ފެއަރ“ ގެ ތެރެއިން ކުރިޔަށް ގެންދެވުނު ހަރަކާތެކެވެ. މި ފެއަރ އަކީ ވަރަށް ގިނަ ފަރާތްތަކެއް ގުޅިގެން ކުރިޔަށް ގެންދެވުނު ހަރަކާތެކެވެ. އޭގެ ތެރޭގައި، ޓްރާންސްޕޭރެންސީ މޯލްޑިވްސް، ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ)، ބާރ ކައުންސިލް، ޕަބްލިކް އިންޓެރެސްޓް ލޯ ސެންޓަރ އަދި ހިއުމަން ރައިޓްސް ކޮމިޝަން ފާހަގަ ކޮށްލެވެއެވެ. މި ހަރަކާތުގެ ތެރެއިން މުޅިން ހިލޭ ހެލްތު ސްކްރީންކޮށް ޑޮކްޓަރަށް ދެއްކުމާއި، ގާނޫނީ ލަފާ ދިނުމާއި، ބިދޭސީންނަށް ކޮންމެހެން ބޭނުންވާ އެކިއެކި މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައި ވެއެވެ.
މިހަރަކާތުގައި މެޑިކޯސްގެ ފަރާތުން ޖުމްލަ 9 ދަރުމަވެރިޔަކު ވަނީ ބައިވެރިވެފައެވެ. އަދި މި ބައިވެރިން ވަނީ، ބިދޭސީންގެ ރަޖިސްޓްރޭޝަން އާއި، ހެލްތު ޗެކަޕް ހެދުމުގައި އަމަލީ ގޮތުން ބައިވެރިވެފައެވެ. ހަމައެހެންމެ މިހަރަކާތުގެ ތައްޔާރީތަކުން ފެށިގެން ހަރަކާތް ނިމުމާ ހަމައަށް އެކިއެކި ކަންކަމުގައި މެޑިކޯސްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މިހަރަކާތުގައި ޖުމްލަ 60 ބިދޭސީއަކު ވަނީ ސްކްރީން ކުރެވިފައެވެ. މިއީ މެޑިކޯސްގެ ބައިވެރިވުމާއެކު މާލެއިން ބޭރުގައި މިއަހަރު އެމް.އެމް.ޑަބްލިޔު.އެމް އިން ބޭއްވި ދެވަނަ ހެލްތު ކޭމްޕެވެ. މީގެ ކުރިން އއ.ތޮއްޑޫގައި އޮތް ހަރަކާތެއްގައި ވެސް މެޑިކޯސްގެ ފަރާތުން ވަނީ ބައިވެރިވެފައެވެ.
އެމް.އެމް.ޑަބްލިޔު.އެމް އަކީ ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަގުސަދުގައި ރަސްމީކޮށް ރަޖިސްޓްރީ ކުރެވިގެން ހަރަކާތްތެރިވާން ފެށި ފުރަތަމަ ޖަމިއްޔާއެވެ. އެމް.އެމް.ޑަބްލިޔު.އެމްގެ ފަރާތުން ދަނީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާ ހިންގަމުންނެވެ. އެމް.އެމް.ޑަބްލިޔު.އެމް އާއި މެޑިކޯސް އެކުގައި މަސައްކަތްކުރަން ފެށިފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން ދެފަރާތް ގުޅިގެން ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިފައި ވެއެވެ.
މެޑިކޯސްގެ ފަރާތުން ދަރިވަރުން ދަނީ އެކިއެކި ޖަމިއްޔާތަކާއި އެކު، މިފަދަ ހެލްތު ކޭމްޕްތަކުގައި ދަރުމަވެރިންގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ. މެޑިކޯސްގެ އަމާޒަކީ މިމަސައްކަތުގެ ތެރެއިން ސްކޫލް އޮފް މެޑިސިން އަދި ގައުމީ ޔުނިވާސިޓީއަށް ރީތި ނަމެއް ހޯދައިދިނުމެވެ. މި މަސައްކަތުގައި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ފަރާތުން ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.