2023 ވަނަ އަހަރުގެ ދެވަނައަށް އެންމެ ހަރަކާތްތެރި ގޮފީގެ އެވޯރޑް ލިބުން ފާހަގަކުރުމުގެ ގޮތުން މެޑިކޯސްއިން އިންތިޒާމުކޮށްގެން ޚާއްސަ ސައިފޮދެއް ބާއްވައިފިއެވެ.
މި ސައިފޮދު ބާއްވާފައިވަނީ ކުޑަ ރަސްމިއްޔާތަކާ އެކު، މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު، ދަރުމަވަންތަ ހަސްފަތާލުގެ 14 ވަނަ ފަންގިފިލާގައެވެ.
މި ރަސްމިއްޔާތު އަދި ސައިފޮދުގައި، ސްކޫލް އޮފް މެޑިސިންގެ އެކްޓިން ޑީންގެ އިތުރުން، މެޑިކޯސްގެ ހިންގާ ކޮމިޓީގެ މެމްބަރުންނާއި، އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީގެ މެމްބަރުން އަދި ސްކޫލް އޮފް މެޑިސިންގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މިރަސްމިއްޔާތުގައި މެޑިކޯސްގެ ރައީސާ މާހާ އާދިލް ވަނީ މެޑިކޯސްގެ ހަރަކާތްތަކަށް އެއްބާރުލުންދީ އެހީތެރިވީ ދަރިވަރުންނަށް ޝުކުރު އަދާކޮށް، މަރުހަބާ ދަންނަވާފައެވެ. އަދި އެކްޓިން ޑީން ޑރ.އާމިނަތު ހުދާ ވެސް ވަނީ ދަރިވަރުންނާ މުޚާތަބުކޮށް ވާހަކަ ދައްކަވާ މަރުހަބާ ވިދާޅުވެ ހިތްވަރު ދެއްވާފައެވެ.
މިރަސްމިއްޔާތުގެ ތެރެއިން، މެޑިކޯސްގެ އެކި އެކި ހަރަކާތްތަކުގައި ބައިވެރިވީ ދަރިވަރުންގެ އަގުވަޒަންކޮށް، ހަނދާނީ ލިޔުން އަރުވާފައިވެއެވެ.
މިއަހަރުގެ އެމް.އެން.ޔޫ.އެސް.ޔޫ އެވޯރޑް ހަފްލާގައި މެޑިކޯސް އަށް ދެވަނަ އަށް އެންމެ ހަރަކާތްތެރި ގޮފީގެ އެވޯރޑް ލިބުނު އިރު، މިދިޔަ އަހަރު ވަނީ ތިންވަނައަށް އެންމެ ހަރަކާތްތެރި ގޮފީގެ އެވޯރޑް ލިބިފައެވެ. އަދި މީގެ އިތުރުން މިއަހަރުގެ ހަފްލާގައި އެސް.އެމްގެ ދަރިވަރުންނަށް ވަނީ އެކި އެވޯރޑްތައް ލިބިގެންގޮސްފައެވެ. މެޑިކޯސްގެ އަމާޒަކީ، މިހާރަށް ވުރެ މަސައްކަތް ފުޅާކޮށް، ކުރިޔަށް އޮތް ތަނުގައި މިއަށްވުރެ ރަނގަޅު ކާމިޔާބީތަކެއް ހޯދުމެވެ.