ފްރެޝާސް ނައިޓް 2024 ވަރަށް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި އަހަރުގެ މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރުދުވަހުގެ ރޭ ދަރުމަވަންތަ ހަސްފަތާލުގެ 14 ވަނަ ފަންގިފިލާގައެވެ. މި ހަރަކާތަކީ ސްކޫލް އޮފް މެޑިސިންއާއި އަލަށް ގުޅުނު 7 ވަނަ ބެޗުގެ ދަރިވަރުންނަށް މަރުޚަބާ ކިޔުމާއި އެކުދިންގެ މެދުގައި މެންޓާރ-މެންޓީ ސިސްޓަމް ގާއިމްކުރުމަށް ބޭއްވުނު ހަރަކާތެކެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި މި ހަފްލާގައި ފެކަލްޓީގެ ލެކްޗަރާއިންނާއި، ދަރިވަރުންގެ ޔޫނިއަންގެ ރައީސް ޖައިޝް ޢަލީ ވަޙީދުގެ އިތުރުން ނައިބު ރައީސް (ޢިލްމީ) މުޙައްމަދު ނާބިތު އާއި ނައިބު ރައީސް (ގޮފިތައް) ސައިފުﷲ މުސްލިމް އާއި ސެކްރެޓެރީ މުޙައްމަދު ހިޒްޔަމް، އެސިސްޓަންޓް ސެކްރެޓެރީ އަހްމަދު ޒާމިލް މޫސާ އަދި މީޑިއާ ކޯޑިނޭޓަރ ހަސްނާ ވިޝާމް ބައިވެރިވެލައްވާ ކުދިންނާ މުޚާތަބުކޮށް ވާހަކަފުޅު ދެއްކެވިއެވެ. އަދި މި ހަފްލާގައި މެޑިކޯސްގެ ރައީސް އަލްފާޟިލް މުހައްމަދު އަޔާޝް ޢަލީ ވެސް ވަނީ ކުދިންނާ މުޚާތަބުކޮށް ވާކަ ދައްކަވާފައެވެ. އަޔާޝްގެ ވާހަކަފުޅުގައި ވަނީ މި ހަރަކާތް މިހާ ފުރިހަމަކަމާއެކު އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި ބެޗް 6 ގެ ދަރިވަރުންނަށް ޝުކުރުއަދާކޮށް ސްކޫލް އޮފް މެޑިސިންއާއި އަލަށް ގުޅުނު 7 ވަނަ ބެޗުގެ ދަރިވަރުންނަށް މަރުހަބާ ދަންނަވާފައެވެ.
ފްރެޝާޒް ނައިޓް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ މެންޓާ-މެންޓީ ސިސްޓަމަށް ކުދިން އަހުލުވެރިކޮށް އަލަށް ސްކޫލް އޮފް މެޑިސިންއާ ގުޅޭ ދަރިވަރުންނަށް ކިޔެވުމަށާއި އެހެނިހެން ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ސިސްޓަމެއް ގާއިމްކުރުމެވެ. މިގޮތުން މި އަހަރުވެސް ވަނީ އަލަށް ގުޅުނު 7 ވަނަ ބެޗުގެ ދަރިވަރުންނަށް މެންޓާރސް ކަނޑައެޅުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ.
މި ހަފްލާގައި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއި ތަފާތު ކުޅިވަރު ހަރަކާތްތައްވެސް ކުރިއަށްގެންގޮސްފައިވެ އެވެ. އަދި މި ހަރަކާތްތަކުން ކާމިޔާބު ހޯދި ކުދިންނަށް ވަނީ އެކިއެކި ހަދިޔާތަށްވެސް ދެވިފައެވެ. ފްރެޝާޒް ނައިޓަކީ މެޑިކޯސްއިން އަބަދުވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ހަރަކާތެކެވެ. އެއް ބެޗު އަނެއް ބެޗާއި އޮންނަ ގުޅުން ބަދަހިވެ ކިޔެވުމަށް ފަސޭހަ، އުފާވެރި މާހައުލެއް ގާއިމް ކުރުމަށްޓަކައި މިފަދަ ހަރަކާތްތައް ބޭއްވުމަކީ މެޑިކޯސްއިން އަބަދުވެސް ޚާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.






