2 މާރިޗުވީ ހޮނިހިރު ދުވަހުގެ ހަވީރު 15:00 އިން 18:00 އަށް ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ޑައެބެޓީޒް ސޮސައިޓީ އޮފް މޯލްޑިވްސް އާއި މެޑިކޯސް ގުޅިގެން ވަރަށް ކާމިޔާބުކަމާއެކު ހެލްތު ސްކްރީނިން ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހެލްތު ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ މެޑިކޯސް، ޑައެބެޓީޒް ސޮސައިޓީ އޮފް މޯލްޑިވްސް އަދި އެސޯސިއޭޝަން އޮފް ސޯޝަލް ބެނެފިޓްސް އެންޑް އެއިޑްސް (އޭ.އެސް.ބީ.އޭ) ގުޅިގެންނެވެ. މި ހަރަކާތުގައި މެޑިކޯސްގެ ދަރުމަވެރިންނާއި ޑައެބެޓީޒް ސޮސައިޓީ އޮފް މޯލްޑިވްސްގެ ބޭފުޅުންގެ އިތުރުން އައިޖީއެމްއެޗްގެ ބައެއް ޑޮކްޓަރުން އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ހެލްތު ކޭމްޕުގެ މަގުސަދަކީ މީހުން ސްކްރީންކޮށް ހަކުރުބަލި ހުރިތޯ ބެލުމާއި، ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑީ ކިހާވަރަކަށްތޯ ބެލުމާއި، ހަކުރުބަލި އަދި އެހެނިހެން ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މަގުފަހިވާ ކަންކަން ހުރިތޯ ބެލުމެވެ.
މި ކޭމްޕުގައި ބައިވެރިވި މެޑިކޯސްގެ 5 ދަރުމަވެރިން ވަނީ ސްކްރީނިންގެ އެކި އެކި ހަރަކާތްތަކުގައި ބައިވެރިވެފައެވެ. މިގޮތުން ކޭމްޕަށް ޒިޔާރަތް ކުރި މީހުންގެ ލޭގެ ޕްރެޝަރާއި، ހަކުރު ލެވެލް ބެލުމާއި ބީއެމްއައި ބެލުމުގެ އިތުރުން ހަކުރުބަލި ޖެހުމަށް މަގުފަހިވާ ކަންކަން ބަލިމީހުނަށް ކިޔައިދީ ޑޮކްޓަރުންނާ އެކު ބަލިމީހުނަށް ލަފާދިނުމުގައި ވަނީ ހަރަކާތްތެރިވެފައެވެ. މި ކޭމްޕުގެ ތެރެއިން 40 އަށް ވުރެ ގިނަ މީހުންވަނީ ބައްޔަށް ސްކްރީން ކުރެވިފައެވެ.
އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާ ހިންގުމުގައި ބައިވެރިވުމަކީ މެޑިކޯސްއިން އަބަދުވެސް ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. މިގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކި އެކި ޖަމިއްޔާތަކާ ގުޅިގެން މާލެއާއި މާލެއިން ބޭރު ސަރަހައްދުތަކުގައި ބާއްވާފައިވާ ތަފާތު އެކި އެކި ހެލްތު ކޭމްޕް ތަކުގައި މެޑިކޯސްގެ ހީވާގި ދަރުމަވެރިން ވަނީ އިސްކޮށް ހަރަކާތްތެރިވެފައެވެ.





