މެޑިކޯސްގެ ފަރާތުން އިސްނަގައިގެން، މޯލްޑިވްސް ބްލަޑް ސާރވިސެސްއާ ގުޅިގެން ސިލްސިލާކޮށް ކުރިޔަށް ގެންދާ ބްލަޑް ޑްރައިވްތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ބްލަޑް ޑްރައިވް، މާރިޗް 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. މެޑިކޯސް އިން މިހަރަކާތް ކުރިޔަށް ގެންދަނީ ”ރޯލް އަޕް ޔުއަރ ސްލީވްސް- ސޭވް އަ ލައިފް“ މި ޝިޢާރުގެ ދަށުންނެވެ. މިހަރަކާތް އޮންނާނީ، މޯލްޑިވިއަން ބްލަޑް ސާރވިސް ގައެވެ.
މިހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ އެމް.އެން.ޔޫ ގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ވެސް ހުޅުވާލެވިފައެވެ. އަދި އާންމުންނަށްވެސް ވަނީ މިފުރުސަތު ހުޅުވާލެވިފައެވެ. އާދިއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން ކުރިޔަށް ދާ މިހަރަކާތުގައި ބައިވެރިވެވޭނީ އޮންލައިން ފޯމެއް މެދުވެރިކޮށް، ރަޖިސްޓްރީވުމަށް ފަހުގައެވެ.
ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/4b3EoyYXb1YDxpXc7
ލޭހަދިޔާ ކުރުމަށް އަންނަ ކުދިންގެ ބަރުދަނުގައި މަދުވެގެން 45 ކިލޯގްރާމް ހުންނަން ޖެހެއެވެ. އަދި ލޭ ހަދިޔާ ކުރެވޭނީ އުމުރުން 18 އަހަރު ވެފައިވާ ކުދިންނަށެވެ. މީގެ އިތުރުން ލޭހަދިޔާކުރުމަށް އައުމުގެ ކުރިން، ރަނގަޅަށް ކައިގެން ހުރުމަކީވެސް މެޑިކޯސްގެ އިލްތިމާސެކެވެ.
މިހަރަކާތް މެޑިކޯސްއިން ކުރިޔަށް ގެންދާތާ މިއީ ތިން ވަނަ އަހަރެވެ. 2022 ވަނަ އަހަރުގެ ތެރޭގައި މިފަދަ 3 ބްލަޑް ޑްރައިވްއެއް ވަނީ މެޑިކޯސްއިން އިންތިޒާމްކޮށްގެން ބާއްވާފައެވެ. މިހަރަކާތް ކުރިޔަށް ގެންދިޔުމުގައި އެމްބީއެސްގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށް، މެޑިކޯސްގެ ފަރާތުން އެކަމަށް ޝުކުރު އަދާކުރެއެވެ.





