މޯލްޑިވްސް އެއާޕޯޓްސް ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީ- އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނަށް އެ ކުންފުނިންއިންތިޒާމްކޮށް ބޭއްވި ހެލްތް ސްކްރީނިންގްއެއްގައި މެޑިކޯސްގެ ދަރުމަވެރިން ބައިވެރިވެއްޖެއެވެ.
މި ހަރަކާތް ކުރިއަށް ގެންދެވިފައިވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހުން 11 ވަނަ ދުވަހުގެ ނިޔަލަށް، ހުޅުލޭގައި ހުންނަ އެއާޕޯޓް ރެކްރިއޭޭޝަން ބިލްޑިންގ ގައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:30 އިން 16:00 އަށެވެ.
މި ސްކްރީނިންގް ގައި މެޑިކޯސްގެ ފަރާތުން 27 ދަރުމަވެރިން ބައިވެރިވެފައިވެއެވެ. މި ހަރަކާތުގައި އެމް.އޭ.ސީ.އެލްގެ ޖުމްލަ 500 މުވައްޒަފުން ސްކްރީން ކުރެވިފައިވެއެވެ.
މި ހެލްތް ސްކްރީނިންގްގައި މެޑިކޯސްގެ ދަރުމަވެރިން ވަނީ 8 ސްޓޭޝަނެއްގައި ހަރަކާތްތެރިވެފައެވެ. މީގެތެރޭގައި ރެޖިސްޓްރޭޝަން ސްޓޯލްއަކާއި، ލޭގެ ޕްރެޝަރާއި ހަކުރު ހުންނަ މިންވަރާއި، ހިތުގެ ބަލިތަކަށް މަގުފަހިވުމުގެ ފުރުސަތު ބެލުމާއި، އަޑުއިވުމުގެ މައްސަލަ ހުރިތޯ ދެނެގަތުން ފަދަ ކަންކަމަށް ހާއްސަ ސްޓޭޝަންތައް ހިމެނެއެވެ.
މެޑިކޯސްގެ ދަރުމަވެރިން ވަނީ މީގެ ކުރިންވެސް މިފަދަ ގިނަ ހަރަކާތްތަކެއްގައި ދަރުމަޔަށް މަސައްކަތް ކޮށްފައެވެ. މެޑިކޯސްގެ އަމާޒަކީ ދަރުމަޔަށް ކުރާ މިފަދަ މަސައްކަތުގެ ތެރެއިން ގައުމީ ޔުނިވާސިޓީ އަދި ދަރިވަރުންގެ ޔޫނިއަނަށް ރީތި ނަމެއް ހޯދައިދިނުމެވެ.