މެޑިކޯސް އިން އިސްނަގައިގެން ”ދި ސައިންސް އޮފް ޑްރަގް ޔޫސް ޑިސްއޯޑާސް“ ގެ ނަމުގައި މަސްތުވާ ތަކެއްޗަށް އަހުލުވެރިކުރުމުގެ ސެޝަންއެއް 3 ސެޕްޓެމްބަރ ވާ އަންގާރަ ދުވަހުގެ ރޭ 20:00 އިން 22:00 އަށް އެމް.އެން.ޔޫ ސެންޓްރަލް އޮޑިޓޯރިއަމްގައި ހިންގުމަށް ނިންމައިފިއެވެ.
މި ސެޝަން ނަގައިދެއްވަވާނީ އެޑިކްޝަން ޕްރޮފެޝަނަލް އަދި ޑްރަގް ޑިމާންޑް ރިޑަކްޝަން މާސްޓާ ޓްރެއިނާ، އަލީ އަދީބެއެވެ. އަލީ އަދީބަކީ މި ދާއިރާގައި 20 އަހަރުގެ ތަޖުރިބާ އާއެކު ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި އެކި އެކި މަސައްކަތްތައް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން ރާއްޖޭގައި ޖަރނީ އެން.ޖީ.އޯގެ އިތުރުން ކޮލަމްބޯ ޕްލޭން ޑްރަގް އެޑްވައިސޮރީ ޕްރޮގްރާމް، އިންޓަނެޝަނަލް ސޮސައިޓީ ފޯ ސަބްސްޓެންސް ޔޫސް ޕްރޮފެޝަނަލްސް އަދި ޔު.އެން.އޯ.ސީގައި އެބޭފުޅާ ވަނީ ހަރަކާތްތެރިވެފައެވެ.
މި ސެޝަންގައި މަސްތުވާތަކެއްޗާއި އެތަކެތިން ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގިނަ ގުނަ އަގުހުރި މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ. މިގޮތުން މި ސެޝަންގައި އަލިއަޅުވާލެވިގެންދާނީ އެންމެ ގިނައިން ބޭނުން ކުރެވެމުންދާ މަސްތުވާތަކެއްޗަކީ ކޮބައިކަމާއި އެތަކެތިން ކުރާ ނޭދެވޭ އަސަރުތަކަކީ ކޮބައިކަމާއި، ޑްރަގް ބޭނުންކުރުމުގެ ނުރައްކާތަކަކީ ކޮބައިތޯއާއި، ޑްރަގް ބޭނުންކުރުމުގެ ސަބަބުން ކުރިމަތިވާ ބަލިތަކަކީ ކޮބައިތޯއާއި، އެޑިކްޓްވުމާބެހޭ އިތުރު މައުލޫމާތާއި މި ކަންކަމުން ދުރުހެލިވުމަށް އެޅިދާނެ ފިޔަވަޅުތަކަށެވެ.
މި ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އެމް.އެން.ޔޫގެ ހުރިހައި ދަރިވަރުންނަށާއި މުވައްޒަފުންނަށް ހުޅުވާލެވިފައެވެ.
މި ވަގުތު ގައުމަށް ދިމާވެފައިވާ އެންމެބޮޑު އިޖުތިމާއީ އެއް މައްސަލަ ކަމުގައިވާ މަސްތުވާތަކެތީގެ ވަބާގައި ޒުވާނުން ޖެހިގެން ދިޔުމާއި ބެހޭ ގޮތުން ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަކީ މެޑިކޯސްގެ ވަރަށް ބޮޑު އަމާޒެކެވެ.





