’އިންޓަރނޭޝަނަލް ޑޭ އޮފް ސައިން ލޭންގުއޭޖަސް’ގެ މުނާސަބަތުގައި މެޑިކޯސްއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ”ސައިން ލޭންގުއޭޖް ވޯކްޝޮޕް ބައި މެޑިކޯސް“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ގައުމީ ޔުނިވާސިޓީގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލެވިގެން ކުރިޔަށް ގެންދެވުނު މިހަރަކާތަށް ރަޖިސްޓަރވުމަށް ހުޅުވާލެވުނު ފުރުސަތުުގައި 80 ދަރިވަރަކުވަނީ ރަޖިސްޓަރވެފައެވެ.
ސެޕްޓެމްބަރ 24 ވަނަ ދުވަހުގެރޭ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އޮޑިޓޯރިއަމްގައި ކުރިޔަށް ގެންދެވުނު މިޚާއްސަ ސެޝަން ނަންގަވައިދެއްވައިފާވަނީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރަރ އެއް ކަމުގައިވާ އަލްފާޟިލް ސަޢީދު އަޠްހަރެވެ. އެރޭ 20:00އިން ފެށިގެން 22:30އަށް ކުރިޔަށް ގެންދެވުނު މިހަރަކާތްވަނީ މެޑިކޯސްގެ ފޭސްބުކް ޕޭޖުން ލައިވްކޮށްފައެވެ.
މިސެޝަންގެ ތެރެއިން ސަޢީދު ސަރގެ ތަޢާރަފަކަށްފަހު އިޝާރާތްބަހުން ވާހަކަދެއްކުމާ ގުޅޭގޮތުން މީހުންގެ ހިތުގައި އާންމުކޮށް އުފެދޭ ސުވާލުތަކުގެ ޖަވާބުވަނީ އަރުވާފައެވެ. އަދި މިހުނަރު ދަސްކުރަން ބޭނުންވާ ދަރިވަރުން އެކަމުގައި ކުރިޔަށްދާނެ ގޮތާއި، އެކަމަށް ހޭދަވާނެ ވަގުތާއި ބެހޭގޮތުން ސަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އެއަށްފަހު ސެޝަންގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ހައިރާންކަމެއް ލިބިގެން ދިޔައީ އޯޑިއަންސްގެ ތެރެއިން ’ސައިން ލޭންގުއެޖް‘ އިން ވާހަކަދައްކާ ފަރާތެއްކަމުގައިވާ އަޝްފާގް ފެނިގެން ދިޔުމުންނެވެ. އަޝްފާގްގެ އެހީތެރިކަމާއެކު ސައީދު ސަރ ވަނީ ދަރިވަރުންނަށް އިޝާރާތް ބަހުން އާންމުކޮށް ބޭނުންކުރާ ބައެއް ބަސްތަކާއި ޖުމްލަތައް ކިޔައިދެއްވާފައެވެ. ހަމައެއާއެކު އަޝްފާގުގެ ހަޔާތުގެ ތަޖުރިބާތައް އިޝާރާތް ބަހުން ކިޔައިދެމުން ދިޔަދިޔުން ވެގެން ދިޔައީ، ގިނަ ބައިވެރިންނަށް ވަރަށް އަސަރުކުރުވި، އަދި މި ހުނަރު ދަސްކުރުމަށް ލިބިގެން ދިޔަ އިތުރު ޝައުގުވެރިކަމެއް އުފެއްދި ކަމަކަށެވެ.
ސެޝަން ނިންމާލުމުގެ ކުރިން ސުވާލާއި ޖަވާބުގެ ބައެއްވެސް ވަނީ ކުރިޔަށް ގެންދެވިފައެވެ. މިވަގުތުގައ ދަރިވަރުންގެ ގިނަ ސުވާލުތަކެއްވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް ހުރިހާ ސުވާލަކަށް ޖަވާބު ނުދެވި ވަގުތު ނެތުމުގެ ސަބަބުން ވަނީ ސެޝަން ނިންމާލާފައެވެ.
މިއީ ދަރިވަރުންގެ ޔޫނިއަންގެ ގޮތްޕަކުން އިސްނަގައިގެން މިފަދަ ސެޝަނެއް ކުރިޔަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. މިސެޝަނަށް ލިބުނު ތަރުހީބެއް ބަލާ، މިއަށް ވުރެން ފުޅާކޮށް މިފަދަ ހަރަކާތެއް ކުރިޔަށް ގެންދިޔުމަށް މެޑިކޯސް އިން ވަނީ ނިންމާފައެވެ.