ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފި، މެޑިކޯސް އަދި ހިލޭސަބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމުގައިވާ ”މާސީ“ ގުޅިގެން ބާއްވާ ޚާއްސަ ބްލަޑް ކޭމްޕެއް ނޮވެމްބަރ 30 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ. މިހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބްލަޑް ޑޮނަރސް އެމް.ވީ އާއި ގުޅިގެންނެވެ.
މިހަރަކާތުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފޯމް މިހާރުވަނީ މާސީ އަދި މެޑިކޯސްގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުގައި ހިއްސާ ކުރެވިފައެވެ. މުޅިން އަލަށް ލޭހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށްވެސް އަދި ލޭގެ ގްރޫޕް ނޭންގޭ ފަރާތްތަކަށްވެސް މިކޭމްޕް މެދުވެރިކޮށް ލޭހަދިޔާ ކުރަން ފެށުމަށް ރަނގަޅު ފުރުސަތެއް ލިބިގެން ދާނެއެވެ.
މީގެ އިތުރުން ލޭހަދިޔާ ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން އުފައްދާފައިވާ އެޕްލިކޭޝަނެއް ކަމުގައިވާ ”ލޭ“ އެޕް މެދުވެރިކޮށް ވެސް މިހަރަކާތަށް ރަޖިސްޓަރ ވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.
މިހަރަކާތުގެ ތެރެއިން ލެޔަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ވީހާވެސް ބޮޑު އެހީތެރިކަމެއް ވެދިނުމަކީ މެޑިކޯސް އަދި މާސީގެ އަމާޒެވެ. އަދި ގަވާއިދުން ލޭހަދިޔާކުރާނެ އައު ޑޯނަރުންތަކެއް މިހަރަކާތުގެ ތެރެއިން އުފެދިގެން ދިޔުމަކީވެސް މިހަރަކާތުގެ މައިގަނޑު އެއް މަޤުސަދެވެ.
މެޑިކޯސްއިން އަންނަނީ 2022 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ބްލަޑް ޑްރައިވްތައް ބާއްވަމުންނެވެ. އަދި މިބްލަޑް ޑްރައިވްތަކުގެ ތެރެއިން ގައުމީ ޔުނިވާސިޓީއިން މުޅިން އަލަށް އެތައް ޑޯނަރުންނެއްވަނީ އުފެދިފައެވެ.