ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފި، މެޑިކޯސް އަދި ލޭހަދިޔާ ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން އުފައްދާފައިވާ އެޕްލިކޭޝަނެއް ކަމުގައިވާ ”ލޭ“ އެޕް ގުޅިގެން ބާއްވާ ޚާއްސަ ރަމަޟާން ބްލަޑް ކޭމްޕް މިދިޔަ މާރޗް 16 ވަނަ ދުވަހު ނިންމާލައިފިއެވެ. މިއީ މެޑިކޯސްއިން އިސްނަގައިގެން ކުރިއަށް ގެންދާ ބްލަޑް ޑްރައިވްތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ބްލަޑް ޑްރައިވްއެވެ.
“ އަ ޓައިމް ފޯ ގިވިންގް، އަ ޓައިމް ފޯ ސޭވިންގް އަ ލައިފް“ ގެ ޝިޢާރުގެ ދަށުން ކުރިއަށް މި ގެންދިޔަ ހަރަކާތުގައި އެހީ ޖަމިއްޔާގެ އިތުރުން މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީއާއި, ބްލަޑް ޑޮނާސް އެމްވީ އަދި ރިޕަބްލިކް އޮފް ޑޮނާސްއިން ވެސް ވަނީ ބައިވެރިވެފައެވެ. ދެދުވަހަކަށް ބަހައިލައިގެން ގެންދެވުނު މި ހަރަކާތް ކުރިޔަށް ގެންދިޔައީ އެހެނިހެން ފަހަރުތަކެކޭވެސް އެއްފަދައިން މޯލްޑިވްސް ބްލަޑް ސާވިސްގައެވެ. އަދި މި ހަރަކާތް ގެންދިޔައީ މާރިޗު 6 ވީ ބުރާސްފަތި ދުވަހާއި މާރިޗު 16 ވީ އާދީއްތަ، މި ދެދުވަހުގައެވެ.
އެމް.އެން.ޔޫ ދަރިވަރުންގެ އިތުރުން އާންމުންނަށްވެސް ހުޅުވައިލައިގެން މި ގެންދެވުނު ހަރަކާތުގައި މުޅިއެކު 15 ޑޯނަރުންވަނީ ބައިވެރިވެފައެވެ. މިފަހަރުގެ ހަރަކާތުން މުޅިއެކު 4050 މިލިލީޓަރުގެ ލޭވަނީ ހަދިޔާކުރެވިފައެވެ.
ރަމަޟާން މަހަކީ ލޭލިބެން އުނދަގޫ މައްސަރަކަށް ވުމުން މިފަދަ ހަރަކާތެއްގެ ތެރެއިން އާންމުން ހޭލުންތެރިކުރުވައި ލޭ ލިބިގަތުން ވެގެން ދިޔައީ ލެޔަށް ބޭނުން ޖެހިފައިވާ ފާރާތްތަކުގެ ވަރަށްވެސް ފޮނި އުންމީދަކަށެވެ.
މެޑިކޯސްއިން އިސްނަގައިގެން ސިލްސިލާ ގޮތެއްގައި ބްލަޑް ޑްރައިވްތައް ބާއްވަމުން ގެންދާތާ މިއީ 4 ވަނަ އަހަރެވެ. މި ފަދަ ހަރަކާތްތަކުގެ ތެރެއިން ގައުމީ ޔުނިވާސިޓީގައި ވަނީ އެތަކެއް ޑޯނަރުންތަކެއް އުފެދިފައެވެ. ކުރިޔަށް އޮތްތަނުގައި މެޑިކޯސްގެ އަމަޒަކީ އެހެނިހެން ފެކަލްޓީ ތަކާގުޅިގެން ކޮންމެ މަހަކުވެސް މިފަދަ ބްލަޑް ޑްރައިވްތައް ކުރިޔަށް ގެންގޮސް މިހަރަކާތް ފުޅާގޮތެއްގައި ހިންގުމެވެ.






