އެހެން އަހަރުތަކެކޭސެސް އެއްފަދައިން މި އަހަރުވެސް ސްކޫލް އޮފް ނާސިންގ އާއި ނިއަރެސް ގުޅިގެން ނަރުހުންގެ ދުވަސް ވަރަށް ކުލަގަދަ ކޮށް ފާހަގަ ކޮށްފިއެވެ. ނަރުހުންގެ ދުވަހަކީ 12 މެއި 2023 ވީ ހުކުރު ދުވަހެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ވަނީ ތަފާތު ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ.
މިގޮތުން 11 މެއި 2023 ވީ ބުރާސްފަތި ދުވަހު ވަނީ އިންޓަރ-ކްލާސް ޕޯސްޓަރ ހުށަހެޅުމުގެ މުބާރާތެއް ކުރިޔަށް ގެންގޮސްފައެވެ. މި މުބާރާތަކީ ސްކޫލް އޮފް ނާސިންގ ކުލާސްތަކުގެ މެދުގައި ކުރިޔަށް ގެންދެވުނު މުބާރާތެކެވެ. މި މުބާރާތުގައި އެއްވަނަ، ދެވަނަ، ތިންވަނަ ހޮވާފައިވާއިރު، ބައިވެރި ވި ހުރިހާ ޓީމްތަކަށް ވަނީ ހަދާނީ ލިޔުމާ ވައުޗަރ ހަވާލުކޮށްފައެވެ.
އަދި އޭގެ އިތުރުން 11 މެއި 2023 ވީ ހޮނިހިރު ދުވަހުގެ ރޭ، ވަނީ ނަރުހުންގެ ދުވަސް ފާހަގަ ކުރުމަށް ޑިނަރ ނައިޓްއެއް ބާއްވާފައެވެ. މި ހަފްލާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަބަލުން، ފަޒްނާ އަހްމަދް އެވެ. މި ހަފްލާގައި ވަނީ ސްކޫލް އޮފް ނާސިންގ އަށް 15 އަހަރަށް ވުރެން ދިގުމުއްދަތަށް ހިދުމަތް ކޮށްދެއްވާފައިވާ ހީވާގި ދާރިސުންނަށް ހަދާނީ ފިލާ އަރުވާފައެވެ. މި ހަފްލާގައި ސްކޫލް އޮފް ނާސިންގ ގެ ހުނަރުވެރި ދަރިވަރުން ކޮޅެއްގެ ހުށަހެޅުމެއްވެސް ފެނިގެން ގޮސްފައިވެއެވެ.
މި ހަފްލާގައި އެންމެހާ ބޭފުޅުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ވިދާޅުވީ، ނަރުހުންނަކީ 24 ގަޑިއިރު ވަންދެން ބަލިމީހާގާތު ހުންނަ އެންމެ ގާތް، އެކުވެރިޔާ ކަމަށާއި، ބަލި މީހާއަށް ހިތްހަމަ ޖެހުން ހޯދައިދޭ، އޯގާތެރިކަމުން ފުރިގެންވާބައެއްކަމަށެވެ.
ނަރުހުންގެ ދުވަހަކީ ސްކޫލް އޮފް ނާސިންގ އާއި ނިއަރެސް އިން އަބަދުވެސް ކުލަ ގަދަ ކޮށް ފާހަގަ ކުރާދުވަހެކެވެ.





