

2024 ވަނަ އަހަރު ފުރަތަމަ ސެމިސްޓަރގައި އެމް.އެން.ޔޫ ސްކޫލް އޮފް ނަރސިންގއަށް އަލަށް ގުޅުނު ދަރިވަރުންނަށް ބޭއްވި އޮރިއެންޓޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި އޮރިއެންޓޭޝަންތައް ކުރިއަށް ގެންދެވިފައި ވަނީ 6 ދުވަހު، އެކި ސެޝަންތަކަށް ބަހާލައިގެންނެވެ.
މި އޮރިއެންޓޭޝަންގެ ފުރަތަމަ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސްކޫލް އޮފް ނަރސިންގ ގެ އޮޑިޓޯރިއަމްގައެވެ. މި ސެޝަންގައި ސްކޫލް އޮފް ނަރސިންގ ގެ ޑީން އާސިޔާ އިބްރާހީމް އަދި މިފެކަލްޓީގެ ހުރިހާ ލެކްޗަރާއިން ވަނީ ބައިވެރިވެފައެވެ.
އައު ދަރިވަރުންނަށް އަމާޒު ކޮށްގެން ސްކޫލް އޮފް ނަރސިންގ ގެ ލެކްޗަރާއިންނާއި، ސުކޫލު އޮފް ނަރސިންގެ ގޮފި ނިއަރެސްގެ ދަރިވަރުން ގުޅިގެން ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ސްޓަޑީ ސްކިލްސް، ސެލްފް ކެއަރ، ލައިބްރަރީ ސެޝަން، ޓައިމް މެނޭޖްމެންޓް ސެޝަން، ކޮފީ ވިތް ސީނިއަރ ސްޓޫޑަންޓްސް އަދި ސްޕޯޓްސް މީޓްގެ ނަމުގައި ތަފާތު ހަރަކާތްތަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން “ދީނީ ނަޒަރަކުން ނަރުސްކަން” ނަމުގައި ސެޝަނެއްވަނީ ކުރިއަށް ގެންގޮސްފައެވެ.
މި އޮރިއެންޓޭޝަންގެ ސެޝަންތައް ކުރިއަށް ގެންދެވިފައިވަނީ 11 ފެބުރުއަރީ އިން 15 ފެބުރުއަރީގެ ނިޔަލަށެވެ. އަދި އޮރިއެންޓޭޝަން ނިންމުމުގެ ގޮތުން ސުކޫލް އޮފް ނަރސިންގެ ޑީން އަދި ލެކްޗަރަރއިންނާއިއެކު 20 ފެބުރުއަރީގައި ވަނީ ޖަލްސާއެއް ބާއްވާފައެވެ. މިޖަލްސާގައި ސުކޫލު އޮފް ނަރސިންގެ ލެކްޗަރާއިންނާއި އަދި ނިއަރެސްގެ ހިންގާ ކޮމެޓީއަށް 2024 ވަނަ އަހަރުގެ އިންތިޚާބުވެ ވަޑައިގެން މެމްބަރުން ވަނީ ތަޢާރަފުވެފައެވެ. މީގެ އިތުރުން ކުރިޔަށް އޮތް މިއަހަރުގައި ކުރިއަށްގެންދިޔުމަށް ރޭވިފައި ހުރި ބައެއް ހަރަކާތްތަކާ ބެހޭ މައުލޫމާތުތައްވެސް މިޖަލްސާގައި އަލަށް ގުޅުނު ކުދިންނާއި ހިއްސާކުރެވުނެވެ.
ޖުމްލަ 50 އަށް ވުރެގިނަ ދަރިވަރުން ބައިވެރިވި މި ސެޝަންތަކުގައި ނިއަރެސް ގެ ފަރާތުން ދަރިވަރުންނާއި ވާހަކަދެއްކެވީ ނިއަރެސްގެ އިންތިޚާބީ ރައީސް އަޙްމަދު އީމާން ޙަސަންއެވެ. ނިއަރެސްގެ ލީޑަރސް ގްރޫޕާއި ގުޅެން ބޭނުންވާ ދަރިވަރުންނަށް އެފުރުސަތުވެސް މިހަރާކާތުގެ ތެރެއިންވަނީ ހުޅުވާލާފައިވެއެވެ.





