31 މާރޗް ވީ ހޮނިހިރު ދުވަހު ސިއާ އިން ވަނީ އޯޓިޒަމް ކުދިންނަށް އެހީތެރިވުމުގެ ގޮތުން ފަންޑުރައިސް ކުރުމުގެ ހަރަކާތެއް ހިންގާފައެވެ.
ކަޕް ކޭކްސް ވިއްކުމުގެ މިހަރަކާތް ކުރިއަށް ގެންގޮއްސައި ވަނީ މާލޭ ބްރިޖް ވިއު ސަރަޙައްދުގައެވެ. މިހަރަކާތުން ލިބުނު ހުރިހާ ފައިސާއެއް ހަދިޔާ ކުރުމަށް މިއަދު މެންދުރު، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން އަށް ސިއާގެ ބައެއް މެންބަރުން ވަނީ ޒިޔާރާތް ކޮށްފައެވެ. 2 އޭޕްރިލް އަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ އޯޓިޒަމް ދުވަހެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ އާއި އަދި މިނޫންވެސް ދުނިޔޭގެ ބޮޑެތި ޖަމްޢިއްޔާތަކުން މިދުވަސް ކޮންމެ އަހަރަކުވެސް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރެއެވެ.
މިފަދަ ކަންކަމަކީ އަބަދުވެސް ދިވެހިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭ ކަންކަމެވެ. އެގޮތުން މި ހަރަކާތައްވެސް އާންމުންގެ ފަރާތުން ނުހަނު ބޮޑު ތަރުހީބެއް ލިބިފައިވާކަން އުފަލާއި އެކު ފާހަގަ ކުރާ ކަމަށް ސިއާގެ ރައީސާ ޢާއިޝަތު ޢުމައިރާ ވިދާޅުވިއެވެ.
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން އަކީ އޯޓިޒަމް އާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވައި، ”އާލީ އިންޓަވެންޝަން“ ހެދުމަށް މަގުފަހި ކޮއްދޭ ޖަމްޢިއްޔާއެކެވެ. އަދިހަމަ އެހެންމެ އެކުދިންނަށް ކްލާސްރޫމް ތެރޭގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާން އެހީތެރިވެ އެކުދިންނަކީވެސް މުޖްތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުމަށް މަސައްކަތްވެސް ކުރާ ބައެކެވެ. މީގެ އިތުރުން އެކުދިން ހެދިބޮޑުވުމަށް ބޭނުންވާ ތެރަޕީތައް އޯޓިޒަމް އެސޯސިއޭޝަން އިން ފޯރުކޮއްދެއެވެ.
ލިޔުނީ: ރުޤިއްޔާ ރިމާނާ، ޙަޒާންދާރު، ސިއާ