ފެކަލްޓީ އޮފް އާޓްސްގެ ވިންގު، ސިއާގެ ފަރާތުން އެ ފެކަލްޓީގެ ޑީން ޢަބްދުއްރަޝީދު ޢަލީ (އަބުސީ) އަށް ފެއާރވެލް އެއް ދީފިއެވެ. މި ފެއާރވެލްއަކީ ފެކަލްޓީގެ ދަރިވަރުންގެ އެދުމަށް ސިއާއިން އިސްނަގައިގެން ކުރިއައް ގެންގޮސްފައިވާ ހަރަކާތެކެވެ. މި ހަރަކާތުގައި އެމް.އެން.ޔޫ ގެ ބައެއް އިސްވެރިންނާއި، ސްޓޫޑެންޓް ޔޫނިއަންގެ އެމް.ސީ އަދި ޙަޒާންދާރު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީގެ އިތުރުން އެފް.އޭ ގެ ބައެއް ދަރިވަރުންނާއި ލެކްޗަރާ އިން ވެސް ވަނީ ބައިވެރި ވެފަ އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތާރީޚުގައި ޑީން ކަމުގެ ދެ ދައުރު ( ހަތަރު އަހަރުގެ ދެ ދައުރު) ފުރިހަމަ ކުރެއްވި ފުރަތަމަ ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ ފެކަލްޓީ އޮފް އާރޓްސްގެ ފައުންޑިންގ ޑީން ޢަބްދުއްރަޝީދު ޢަލީ އެވެ. 2009ވަނަ އަހަރު ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) އުފެދުނިންސުރެން 2018ގެ ނިޔަލަށް ޢަބްދުއްރަޝީދު ވަނީ އެފް.އޭ އަށް އަގު ނުކުރެވޭފަދަ ގިނަ ޚިދުމަތްތަކެއް ކޮއްދެއްވާފައެވެ. އެގޮތުން ރާއްޖޭގައި ނެތް އެތައް ކޯހެއް ފަރުމާ ކުރައްވައި ތަޢާރަފު ކުރައްވާފައިވެއެވެ. ބެޗްލަރ އޮފް އާރޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ކޯސް، މާސްޓަރސް އޮފް ދިވެހި ލެންގުވިޖް އެންޑް ކަލްޗަރ ކޯސް، އަދި ޑޮކްޓަރ އޮފް ފިލޯސަފީ އެޕްލައިޑް ލިންގުއިސްޓިކްސް، ފަދަ ކޯސްތައް ފާހަގަ ކޮއްލެވެއެވެ.
މި ފެއަރވެލް ގައި ވަނީ، ދިވެހި ޅެންވެރިކަމުގެ ދުވަހާ ގުޅުވައިގެން ސިއާ އިން ހުޅުވާލި ޅެން ހެދުމުގެ މުބާރާތުގެ ވަނަތައް ދީފައެވެ. އަދި ޑީން އަށް ސިއާގެ ފަރާތުން ވަނީ ހަނދާނީ ފަތްކޮޅެއްވެސް އަރުވާފައެވެ. މި ފަތްކޮޅު ޑީން އަށް އެރުވީ ސިއާގެ ރައީސް އަޙްމަދު ޝުނޫން އެވެ. މީގެ އިތުރުން ”ޚިދުމަތުގެ އަރުތަ އެވޯޑް“ ވެސް ވަނީ ތަޢާރަފު ކޮއްފައެވެ. މި އެވޯޑަކީ ސިއާ އިން ހިންގާ ހަރަކާތްތަކުގައި އެއްބާރުލުން ދީ އަދި ފެކަލްޓީގެ އެކި ކަންކަމުގައިވެސް ބައިވެރިވެ މަސައްކަތްކުރާ އެންމެ ފާހަގަ ކޮއްލެވޭ އެފް.އޭ ގެ ދަރިވަރަކަށް ސިއާ އިން ކޮންމެ އަހަރަކު ދޭ ގޮތައް ނިންމި އެވޯޑެކެވެ. މި އެވޯޑު އެންމެ ފުރަތަމަ ހާސިލް ކުރުމުގެ ޝަރަފު ހޯދާފައި ވަނީ، ދީމާ އަބޫބަކުރު (ބީ.އޭ.އީ.އެލް.ސީ 2016) އެވެ. އަދި މި ފެއަރވެލްގައި އެމް.އެން.ޔޫ ގެ ވައިސް ޗާންސެލަރ ޑރ. ފަވާޒު ޝަރީފް އަދި އަބްސީ ސަރ ވަނީ ވާހަކަ ދައްކަވާފައެވެ. މި ޚަފްލާ ނިންމާލާފައި ވަނީ އަބްސީ ސަރ އަށް އެންމެ މީރު ދިވެހި ކެއުންތައް ހިމެނޭ ޖާފަތަކުންނެވެ.
ލިޔުނީ: އަޙްމަދު ޝައްފާޒު، ނައިބު ރައީސް (ޢަމަލީ)، ސިއާ