ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒްގައި ގާއިމު ކުރެވިފައިވާ ގޮފި ތަރަހަ އަދި ހިތަދޫ ކެމްޕަސްގައި ގާއިމު ކުރެވިފައިވާ ގޮފި ދޮންދީނި ގުޅިގެން ”އެމް.އެން.ޔޫ.އެސް.ޔޫ ފުޑް ޑްރައިވް“ ނަމުގައި ޙަރަކާތެއް ފަށައިފިއެވެ.
28 މާރިޗް 2024 ވީ ބުރާސްފަތި ދުވަހު ފެށި މި ޙަރަކާތުގެ މަޤްޞަދަކީ އައްޑޫގައި އެހީތެރިކަމަށް ބޭނުންޖެހިފައިވާ އާޢިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ޙަރަކާތުގައި ކާބޯތަކެތީގެ ބާވަތްތަކާއި ފައިސާގެ އެހީ ޢާންމުންގެ ފަރާތުން ހަދިޔާކުރަމުން އަންނައިރު، ހިތަދޫ ކެމްޕަހުގައި އާއި ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ފުޑް ޑްރައިވް ސްޓޯލްތައް ވަނީ ޤާއިމުކުރެވިފައެވެ.
މި ފުޑް ޑްރައިވަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު އެންމެންނަށްވެސް ހުޅުވާލެވިފައިވާއިރު، އޭޕްރީލްމަހުގެ 4 ވަނަ ދުވަހާ ހަމައަށް މި ޙަރަކާތް ކުރިއަށް ގެންދެވޭނެއެވެ. ތަރަހައިގެ ފަރާތުން އެމް.އެން.ޔޫ ސެންޓަރަލްގައި ބެހެއްޓިފައިވާ ފުޑް ޑްރައިވްއިން އެއްކުރެވޭ ކާބޯތަކެތި އައްޑޫއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ މިފަދަ ހަރަކާތެއް އަތޮޅުތެރޭގެ ކެމްޕަހެއްގެ ގޮތްޕަކާއި މާލޭގެ ގާއިމްކުރެވިފައިވާ ގޮތްޕަކާއި ގުޅިގެން ކުރިއަށްގެންދެވޭ ފުރަތަމަ ފަހަރެވެ.
މިހަރަކާތައް އަންނަނީ އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންނެވެ.






