2022 ވަނަ އަހަރު އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގެ ދެވަނަ ސެމިސްޓަރއަށް އަލަށް ގުޅުނު ދަރިވަރުންނަށް އަމާޒުކޮށްގެން ފެކަލްޓީ އިން އޮރިއެންޓޭޝަން ބާއްވައިފިއެވެ.
އޮރިއެންޓޭޝަން ބޭއްވިފައިވަނީ އޮގަސްޓް 10 ވީ ބުދަ ދުވަހު ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައެވެ.
މި އޮރިއެންޓޭޝަންގައި ދަރިވަރުންނަށް އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ކުޑަ ތަޢާރަފެއް ދީފައިވާއިރު، ދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުންވެސް ވަނީ މަޢުލޫމާތު ދެވިފައެވެ. އަދި މީގެ އިތުރުން ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާއި، ކޯސްތަކުގެ މައުލޫމާތާއި، ކޯސްތަކުގެ ފީއާއި، އަދި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް އަދި ޤައުމީ ޔުނިވަރސިޓީ އިން ފޯރުކޮށްދޭ އެހީތަކުގެ މައުލޫމާތުވެސް ވަނީ ހިއްސާކުރެވިފައެވެ. މީގެއިތުރުން ދަރިވަރުންގެ އިމްތިހާންތަކާ ގުޅޭ ގޮތުންނާއި އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގެ ލައިބްރަރީ ޚިދުމަތްތަކާ ގުޅޭގޮތުންވެސް ވަނީ މަޢުލޫމާތު ދެވިފައެވެ.
އަދި ދަރިވަރުންގެ ޔޫނިއަންގެ ބީ.އެސް.އެސް.އޭ ގޮތްޕާއި ގުޅޭ މައުލޫމާތުވެސް ވަނީ ހިއްސާކުރެވިފައެވެ. އެގޮތުން މި ސެމިސްޓަރ ތެރޭ ކުރިޔަށް ގެންދަން ރާވާފައިވާ ހަރަކާތްތައްވެސް ދަރިވަރުންނާ ހިއްސާ ކުރެވިގެންދިޔައެވެ.
މި އަހަރު އަލަށް ގުޅުނު ދަރިވަރުންނަށް އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގެ ކެމްޕަސް ތެރޭގައި ހުރި މުހިންމު ތަންތަން ދައްކާ، މަޢުލޫމާތު ވަނީ ހިއްސާ ކުރެވިފައެވެ. މިކަމުގައި ހަރަކާތްތެރި ވެފައިވަނީ ބީ.އެސް.އެސް.އޭގެ އިސްވާރުންނެވެ. އަދި އެ ދަރިވަރަކު ކިޔަވާ ކޯހުގެ ކޯސް ކޯޑިނޭޓަރ ބައްދަލުކޮށް ކިޔަވާ ކޯހުގެ މަޢުލޫމާތުވެސް ވަނީ ދެވިފައެވެ.
ބީ.އެސް.އެސް.އޭގެ ކޮންމެ ހަރަކާތެއްވެސް ހިންގުމުގައި ދަރިވަރުންގެ ޔޫނިއަން އާއި އެމް.އެން.ޔޫ ބިޒްނަސް ސުކޫލްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބެމުންދެއެވެ.





