އެމް.އެން.ޔޫ.އެސް.ޔޫ ބީ.އެސް.އެސް.އޭ ފީފާ މުބާރާތް 2023ގެ ޗެމްޕިއަންކަން އަހްމަދު އިފްލާހް ސަލީމް އަދި އައިޝަތު ޝިރާ ހަސަން ހޯދައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އިފްލާހް ހޯދީ ފައިނަލް މެޗުގައި އިބްރާހިމް އާތިފްގެ މައްޗަށް 6-2ން ކުރިހޯދައިގެންނެވެ. އަންހެން ޑިވިޝަންގެ ތަށި ޝިރާ އުފުލާލީ ފައިނަލުގައި ހަމަ މި ނަތީޖާއިން އައިޝަތު ލައިސާ އަހްމަދު ބަލިކޮށްގެންނެވެ.
ރަމަޟާން މަހަށް ޚާއްސަކޮށްގެން ބީ.އެސް.އެސް.އޭއިން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި 64 ކުޅުންތެރިން ވާދަކުރިއެވެ. ފިރިހެން ޑިވިޝަން ކުޅުނީ ނޮކްއައުޓް އުސޫލުންނެވެ. ޖުމްލަ ފަސް ދަރިވަރުން ބައިވެރިވި އަންހެން ޑިވިޝަން ކުޅުނީ ލީގު ބުރެއް ކުޅުމަށްފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެކުޅުންތެރިން ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
މިއީ ބީއެސްއެސްއޭ ފީފާ ޓޯނަމެންޓް ބޭއްވި ތިންވަނަ ފަހަރެވެ. 2019 އަހަރު ފެށި މި މުބާރާތް 2020 ވަނަ އަހަރު މެދުކަނޑާލީ ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެންނެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގައިވެސް ބީއެސްއެސްއޭއިން އަންނަނީ ސިލްސިލާ ގޮތެއްގައި މި މުބާރާތް ކުރިއަށް ގެންދަމުންނެވެ. މުބާރާތުގެ އަންހެން ޑިވިޝަން ތައާރަފްކުރީ 2022 ވަނަ އަހަރުއެވެ. މިއީ މިހާތަނަށް މި މުބާރާތުގައި އެންމެ ގިނަ އަދަދަކަށް ދަރިވަރުން ބައިވެރިވި ފަހަރެވެ.





