ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ”މެކްސްކޮމް އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީ މުބާރާތް 2018″ގެ އަންހެން ޑިވިޜަނުގެ 2 މެޗެއް ހުކުރު ދުވަހު (23 ފެބުރުވަރީ 2018) ހެނދުނު ކުޅެފިއެވެ. ހެނދުނު 07:30ގައި ފެށުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އަދި ސްކޫލް އޮފް ނާރސިންގ (އެސް.އެން) އެވެ. މުބާރާތުގެ މިހާތަނަށް ކުޅެވުނު އެންމެ ފޯރިގަދަ މި މެޗު ނިމިގެން ދިޔައީ އެފް.އީ ޓީމުން މެޗު ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ ސެޓު 25 – 18ން އެފް.އީ ކާމިޔާބުކޮށްފައިވަނިކޮށް، އެސް.އެން އިން ވަނީ 2 ވަނަ ސެޓު 25 – 19ން ކާމިޔާބުކޮށް 3 ވަނަ ސެޓެއް ކުޅުމަށް މަޖުބޫރުކޮށްފައެވެ. ފޯރިގަދަ ކުޅުމަކަށްފަހު 3 ވަނަ ސެޓު ކާމިޔާބު ކުރީ 15 – 12ގެ ނަތީޖާއަކުން ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އެވެ.
2 ވަނަ މެޗުގައި ބައްދަލުކުރީ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް (އެފް.އެލް.އައި.އެސް) އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް)އެވެ. މި މެޗު 25 – 20 އަދި 25 – 09 ގެ ނަތީޖާތަކުން ސީދާ 2 ސެޓުން ކާމިޔާބުކުރީ އެފް.އެޗް.އެސްގެ ޓީމެވެ. މި ނަތީޖާ އާއި އެކު، ގުރޫޕް Aގެ ސެމީގެ 2 ޖާގަ މިވަނީ އެފް.އެޗް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސް އަށް ކަށަވަރުވެފައެވެ.
މުބާރާތުގެ މެޗުތައް ހުކުރުދުވަހުގެ މެންދުރު 02:15ން ފެށިގެން ރޭގަނޑާއި ހަމައަށް ކުރިއަށްދާނެއެވެ. މުބާރާތުގެ މެޗުތައް ކުޅެވެމުންދަނީ އެފް.އީ ޕީ.އީ ހޯލުގައެވެ. މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ ”މެކްސްކޮމް ޓެކްނޮލޮޖީސް“އެވެ. ކޯ-ސްޕޮންސަރުންނަކީ ”ދިރާގު“ އަދި ”ފިއުލް އެކްސްޕްރެސް މޯލްޑިވްސް“ އެވެ. މީޑިއާ ޕާރޓްނަރަކީ ”ސަން މީޑިއާ ގްރޫޕް“ އެވެ.