ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން އިންތިޒާމުކޮށްގެން ބާއްވާ ”މެކްސްކޮމް އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތް 2018″ގެ އަންހެން ޑިވިޜަނުގެ ފައިނަލަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އަދި ސްކޫލް އޮފް ނާރސިންގ (އެސް.އެން) ދަތުރުކޮށްފިއެވެ. އެމް.އެން.ޔޫ.ބީ.އެސް ފައިނަލަށް ދަތުރުކުރީ ހޮނިހިރުދުވަހުގެ (24 ފެބުރުވަރީ 2018) ހެނދުނު 07:30ގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އާއި ވާދަކޮށް ސީދާ 3 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. (25-17، 25-21 އަދި 25-20) މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމް.އެން.ޔޫ.ބީ.އެސްގެ ޖާރޒީ ނަންބަރ 5 ޝަމްހާ ރިޔާޒެވެ.
މި ޑިވިޜަނުގެ 2 ވަނަ ސެމީގައި އެސް.އެން އާއި ފެކަލްޓީ އޮފް ހެލްތް ސައިންސަސް (އެފް.އެޗް.އެސް) ވާދަކުރި މެޗު ނިމުނީ ފަސޭހަކަމާއެކު ސީދާ 3 ސެޓުން އެސް.އެން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ގެންދިޔައީ 25-14، 25-16 އަދި 25-12ގެ ނަތީޖާތަކަކުންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސް.އެންގެ ޖާރޒީ ނަންބަރ 5 ފާޠިމަތު މާހިޔާއެވެ.
ސެމީ ފައިނަލް ޕްލޭ އޮފްގައި ފުރަތަމަ ސެމީއިން ބަލިވި އެފް.އީ ޓީމާއި ދެވަނަ ސެމީއިން މޮޅުވި އެސް.އެން ބައްދަލުކުރިއިރު، ފައިނަލުގެ ފަހު ޖާގަ އެސް.އެން ކަށަވަރު ކުރީ 3 ސެޓު 1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ފުރަތަމަ ސެޓު އެފް.އީ ހޯދާފައިވަނިކޮށް ފަހަތުން އަރާ 3 ސެޓު ހޯދިއިރު، މުބާރާތުގައި އަލަށް ވާދަކުރާ ފަހަރު މިދިޔަ އަހަރުގެ ޗެމްޕިއަން އަތުން މޮޅުވެ ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމީ އެސް.އެން އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.
މުބާރާތުގެ އަންހެން ޑިވިޜަނުގެ ފައިނަލް މެޗު އޮންނާނީ ހޮނިހިރުދުވަހުގެރޭ (24 ފެބުރުވަރީ 2018) 08:00ގައި އެފް.އީ ޕީ.އީ ހޯލުގައެވެ.
މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ ”މެކްސްކޮމް ޓެކްނޮލޮޖީސް“އެވެ. ކޯ-ސްޕޮންސަރުންނަކީ ”ދިރާގު“ އަދި ”ފިއުލް އެކްސްޕްރެސް މޯލްޑިވްސް“ އެވެ. މީޑިއާ ޕާރޓްނަރަކީ ”ސަން މީޑިއާ ގްރޫޕް“ އެވެ.