ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ ނުވަވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ”ވެށިސާފު“ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފައެވެ.
ވެށިސާފު ޕްރޮގްރާމްގެ ދަށުން ހޯމަ ދުވަހު ވަނީ ހުޅުމާލޭ ފޭސް2 ގޮނޑުދޮށް ސާފުކޮށްފައެވެ. މި ހަރަކާތުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމެޓީގެ މެމްބަރުންނާއި، އެމް.އެން.ޔޫ.އެސް.ޔޫގެ ލީޑަރސް ގްރޫޕްގެ މެމްބަރުންގެ އިތުރުން ގޮފިތަކުގެ ހިންގާ ކޮމެޓީ މެމްބަރުން ވަނީ ބައިވެރިވެފައެވެ.
ފޭސް2 ގޮނޑުދޮށް ސާފުކުރުމުގެ ގޮތުން 50 ކަޅު ކޮތަޅުގެ ކުނި ވަނީ އެ ސަރަހައްދުން ސާފުކޮށްފައެވެ. މި ހަރަކާތުގައި 50 ށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަބްދުﷲ ޝަހުނީޒް ވިދާޅުވީ ކްލާސްތައް ކުރިޔަށްދިޔަ ވަގުތުކަމުން ބައެއްކަހަލަ ދަތިތަކެއް ދިމާވި ކަމަށާއި، އެހެންނަމަވެސް ގިނަ ކުދިން ކްލާސް ނިންމާފައި ހަރަކާތުގައި ބައިވެރިވި ކަމަށެވެ.
މި ހަރަކާތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ފަރާތުން ވަނީ އެއްބާރުލުން ލިބިފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ގެ ނުވަވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި ހަފްތާ ތެރޭގައި ގިނަ ހަރަކާތްތަކެއް ރޭވިފައިވާއިރު، ހޮނިހިރު ދުވަހުގެރޭ ވަނީ ”އެމް.އެން.ޔޫ.އެސް.ޔޫ ޕްރެސެންޓްސް ދި ނެކްސްޓް ލެވަލް“ ޝޯވގެ ނަމުގައި ޓެލެންޓް ޝޯވއެއް ކުރިޔަށް ގެންގޮސްފައެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫ ގެ ރަސްމީ ލަވަ އިފްތިތާހުކޮށް، ”ދަންމަރު“ ގެ ނަމުގައި މަޖައްލާއެއް ނެރެފައިވެއެވެ. އަދި މީގެ އިތުރުން މި މަހުގެ 11 ވަނަ ދުވަހު ”އެކުވެރި މައިދާން“ ގެ ނަމުގައި އާއިލީ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.





