އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2022ގެ ހަތަރުވަނަ ރޭގެ ފިރިހެން ޑިވިޝަންގެ މެޗުތަކުން ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އާއި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) މޮޅުވެ ސެމީ ފައިނަލް ޔަގީން ކޮށްފިއެވެ.
ފިރިހެން ޑިވިޝަންގެ ގްރޫޕް އޭގެ ފެސްޓް އާއި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް (އެފް.އެޗް.ޓީ.އެސް) ވާދަކޮށް މި މެޗު ފެސްޓުން ކާމިޔާބު ކުރީ ސީދާ ދެސެޓުންނެވެ. ފޯރިގަދަ މި މެޗުގެ ސެޓުތައް ފެސްޓުން ގެންދިޔައީ 25-12 އަދި 25-19ގެ ނަތީޖާތަކަކުންނެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެސްޓުގެ ޖާރޒީ ނަންބަރު 14 މުހަންމަދު އާދަމް އެވެ.
އަންގާރަ ދުވަހުގެރޭ ކުޅެވުނު ފިރިހެން ޑިވިޝަންގެ ދެވަނަ މެޗުގައި ގްރޫޕް ބީ އިން އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އާއި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) ވާދަކުރިއިރު، ސީ.އެފް.އެސް އިން މެޗް ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. އެއީ 25-17 އަދި 25-19 ގެ ނަތީޖާތަކަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސީ.އެފް.އެސްގެ ޖާރޒީ ނަންބަރު 4 އަހްމަދު މުޒްލިފް އެވެ.


އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މި ބޭއްވެނީ މިފަދަ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި އީސްޓޭޓް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، އެންޒީ، އޭވް އަދި އޮއޭސެސް ހިމެނެއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރ އަކީ ކުލަ މޯލްޑިވްސް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރ އަކީ ސަން މީޑިއާ ގްރޫޕެވެ.






