އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގައި އަންގާރަދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އާއި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އިން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ފިރިހެން ޑިވިޝަންގެ ގްރޫޕް އޭގައި ފެސްޓުން ކުޅުނު ތިންވަނަ މެޗުގައި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް)އާ ބައްދަލުކޮށް މެޗު ކާމިޔާބު ކުރީ ސީދާ 2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ފެސްޓުން ގެންދިޔައީ 25-16 އަދި 25-9 ންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެސްޓުގެ ޖާރޒީ ނަންބަރ 9 އުމަރު ފާރޫޤެވެ. މި މޮޅާއެކު ފެސްޓު ވަނީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
އަންގާރަދުވަހުގެރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ސީ.އެފް.އެސް އާއި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އެވެ. މި މެޗު ސީ.އެފް.އެސް އިން ކާމިޔާބު ކުރީ 2 ސެޓު 0 ސެޓުންނެވެ. މެޗުގެ ސެޓުތައް ގެންދިޔައީ 25-12 އަދި 25-11 ންނެވެ. މި މޮޅާއެކު ސީ.އެފް.އެސް އަށްވެސް ތިން މެޗުން ތިން މޮޅު ލިބިފައިވާއިރު، ސީ.އެފް.އެސް ވަނީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
މި މުބާރާތުގެ މެޗުތައް ބުދަދުވަހުގެރޭ ވެސް އޮންނާނެއެވެ. ފުރަތަމަ ކުޅޭނީ އަންހެން ޑިވިޝަންގެ ދެ މެޗު ކަމަށްވާއިރު، އޭގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އާއި ސްކޫލް އޮފް ނާރސިންގ (އެސް.އެން) އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) އާއި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މި ބޭއްވެނީ މިފަދަ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި އީސްޓޭޓް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، އެންޒީ، އޭވް އަދި އޮއޭސެސް ހިމެނެއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރ އަކީ ކުލަ މޯލްޑިވްސް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރ އަކީ ސަން މީޑިއާ ގްރޫޕެވެ.