ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ބާއްވާ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަން ފައިނަލުގައި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) ބަލިކޮށް ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އިން ޗެމްޕިއަންކަން ހޯދައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ ފައިނަލު މެޗު ފެސްޓުން ކާމިޔާބު ކުރީ 3 ސެޓު 2 ސެޓުންނެވެ.
ވާދަވެރި މިމެޗުގެ ފުރަތަމަ 2 ސެޓު ކާމިޔާބު ކުރީ ފެސްޓުންނެވެ. އެއީ 25 – 20 އަދި 25 – 17ގެ ނަތީޖާއަކުންނެވެ. ނަމަވެސް ސީ.އެފް.އެސް އިން ވަނީ ކުޅުން ރަނގަޅުކޮށް ޖެހިގެން އައި 2 ސެޓުވެސް ކާމިޔާބުކޮށްފައެވެ. މި 2 ސެޓަކީވެސް ވަރަށް ވާދަވެރިކޮށްދިޔަ 2 ސެޓެވެ. އެ 2 ސެޓު ސީ.އެފް.އެސް އިން ގެންދިޔައީ 25 – 23 އަދި 28 – 26 ންނެވެ. ފަހު ސެޓު ފަށައިގެން ސީ.އެފް.އެސް އިން ނެގި ލީޑު ދަމަހައްޓަމުން ދަނިކޮށް ފެސްޓުން އަނބުރާލީ 14 – 8ގައި އޮތް ނަތީޖާ އެކެވެ. މި ސެޓު 17 – 15ން ފެސްޓު ކާމިޔާބުކުރިއިރު މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެސްޓުގެ ޖާރޒީ ނަންބަރ 09 އުމަރު ފާރޫގެވެ.


މިއީ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ސީ.އެފް.އެސް އާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އަދި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒުން ވަނީ މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ތަށި 2 ފަހަރު އުފުލާލާފައެވެ. އަދި ފެކަލްޓީ އޮފް އެޑިއުކޭޝަނުންވެސް މި މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން 1 ފަހަރު ހޯދާފައިވެއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މި ބޭއްވީ މިފަދަ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި އީސްޓޭޓް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، އެންޒީ، އޭވް އަދި އޮއޭސެސް ހިމެނެއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރ އަކީ ކުލަ މޯލްޑިވްސް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރ އަކީ ސަން މީޑިއާ ގްރޫޕެވެ.





