ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ އެމް.އެން.ޔޫ.އެސް.ޔޫ ހަޔަރ އެޑިއުކޭޝަން ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ފަހަތުން އަރައި އެވިޑް ކޮލެޖު ބަލިކޮށް އެމް.އެން.ޔޫ އިން ފެށުން ރަނގަޅުކޮށްފިއެވެ.
އެމް.އެން.ޔޫ ޕީއީ ހޯލުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓުގައި އެމް.އެން.ޔޫގެ ފަރާތުން މާކަ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، މި ސެޓު އެއްކޮށް ލީޑު ކޮށްގެން ކުޅެފައިވަނީ އެވިޑުންނެވެ. އެއާއެކު އެ ޓީމުން މި ސެޓު 25-21 އިން ވަނީ ކާމިޔާބުކޮށްފައެވެ.
އެކަމަކު ދެވަނަ ސެޓުގައި އެމް.އެން.ޔޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު އެ ޓީމުން ވަނީ 25-19 އިން ކާމިޔާބުކޮށްފައެވެ.
މެޗުގެ ތިންވަނަ ސެޓުގެ ކުރީކޮޅު އެވިޑުން ލީޑުކޮށްގެން ކުޅުނެވެ. އެގޮތުން ސެޓުގެ މެދުތެރެއިން އެވިޑުން ވަނީ ހަތް ޕޮއިންޓްގެ ލީޑަކާއެކު ކުޅެފައެވެ. އެކަމަކު އެމް.އެން.ޔޫގެ ނަރީމާ އިދުރީސް (ނަންނި)ގެ މޮޅު ކުޅުމާއެކު އެމް.އެން.ޔޫ އިން ވަނީ މި ސެޓު 27-25 އިން ގެންގޮސްފައެވެ.


މެޗުގެ ހަތަރުވަނަ ސެޓުގައިވެސް އެމް.އެން.ޔޫގެ ނަންނިގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގެ ކުރީކޮޅު އެމް.އެން.ޔޫ އިން ވަނީ ފަސް ޕޮއިންޓްގެ ލީޑަކާއެކު ކުޅެފައެވެ. އެކަމަކު ސެޓުގެ މެދުތެރެއިން އެވިޑުން ވަނީ ކުޅުން ރަނގަޅުކޮށް އެމް.އެން.ޔޫއަށް ނުރައްކާކޮށްފައެވެ. މި ސެޓުގައި ވެސް އެމް.އެން.ޔޫގެ ތަފާތަކަށްވީ ނަންނިގެ މޮޅު ކުޅުމެވެ. އެއާއެކު މި ސެޓު އެމް.އެން.ޔޫ އިން ކާމިޔާބުކުރީ 25-22 އިންނެވެ.
އެމް.އެން.ޔޫ އިން ވަނީ މީގެ ކުރިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީ.އޭ.އެމް) އިން ކުރިއަށް ގެންދިޔަ އިންޓަރ ކޮލެޖު/ ޔުނިވަރސިޓީ ވޮލީބޯލް މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ މުބާރާތް މިލްކުކޮށްފައެވެ. އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް އެމް.އެން.ޔޫ އެވެ. އެގޮތުން އެމް.އެން.ޔޫ އިން ވަނީ ޖުމްލަ ފަސް ފަހަރު އިންޓަރ ކޮލެޖު/ ޔުނިވަރސިޓީ ވޮލީބޯލް މުބާރާތް ކާމިޔާބުކޮށްފައެވެ.






